ސްޓެލްކޯގެ ދުންހޮޅިތައް އުސްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
މުޣުނީ މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ.
މާލޭގައި ހުންނަ ސްޓެލްކޯ މައި އިމާރާތުގައި ހުންނަ އިންޖީނުތަކުން އުނދަގޫ ވެ އެކި ބާވަތުގެ ގެއްލުން ލިބެމުންދާތީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބެމުންދާ އުނދަގޫތަކުން ސަލާމަތް ކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެތަނުގައި ހުރި އިންޖީނުތަކުގެ ވައިބްރޭޝަން ކޮންޓްރޯލް ކޮށް ދުންހޮޅިތައް އުސްކުރަން ސްޓެލްކޯ އަށް އެންގުމަށް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން މުޣުނީ ވިދާޅުވީ، އެކަމަކީ ޒަމާންވީ މައްސަލައެއް ކަމަށާއި ދުންހޮޅިތައް އުސް ކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށައި އެ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލާނެ ކަމަށެވެ.
"އެކަންތައް ކުރިއަށް އެބަދޭ، މި ފެށޭ އަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް އަޅުގަނޑުމެން ފަށާނަން" މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ، އިންޖީނުގެއިން އަޑު އެއްކޮށް ކަނޑުވައި ނުލެވޭނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް އުނދަގޫވާ ކަންކަން ސްޓެލްކޯއިން ހައްލު ކުރާނެ ކަމަށެވެ.
ސްޓެލްކޯގެ އިންޖީނުގޭގެ ދުންހޮޅިތަކުން ބޭރުވާ ދުމާއި އިންޖީނުގޭގެ އަޑުގެ ސަބަބުން އުނދަގޫވާތީ އެކަންތައްތައް ހައްލުކޮށްދިނުމަށް އެދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.