ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިން ޕާކެއް ގާއިމު ކޮށްފިއެވެ.

މި ރީޑިން ޕާކުގެ މަސައްކަތް ރާވައި ހިންގާފައި ވަނީ ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އާދަމް އަފްސަލް އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓުގެ މަގުސަދަކީ ފޮތް ކިޔުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމު ކޮށް އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށެވެ.

މި ރީޑިން ޕާކުގައި ދަރިވަރުންނަށް ހާއްސަކޮށްފައިވާ މިނީ ލައިބްރަރީ އެއްވެސް ހިމެނޭ ކަމަށާއި މިތަނަށް ޒިޔާރަތް ކުރާ ބެލެނިވެރިންނަށް ހާއްސަކޮށް ޖޯއްޔާއި އުނދޯލި ބަހައްޓާފައި ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މާ ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި ރީޑިން ޕާކުގައި ތުއްތު ކުދީންގެ މޮޓޯ ސްކިލްސް ތަރައްގީ ކުރުމަށް ޗެސް، ޑޮމިނޯ ފަދަ ސިކުނޑި ތަރައްގީކޮށްދޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތުވެސް މަގުފަހިކޮށްދީފައިވާ ކަމަށްވެސް އެ ބެންކުން ބުންޏެވެ.

ކުދިންގެ މައުލޫމާތު މުއްސަނދި ކުރުމަށް ދިވެހި ވެށީގައިވާ ތަފާތު ތަކެއްޗާއި ގަސްތަކުގެ ނަންތައް ކުދިންނަށް ދަސްކޮށްދިނުމަށް ޓަކައި ބޯޑުތައް ވަނީ ހަރުކޮށްފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އާދަމް އަފްސަލް ވިދާޅުވީ ކުޑަކުދިންނަށް ހާއްސަ ޕާކެއް ތޮއްޑޫގައި ނެތުމުގެ އިތުރުން މި ރަށުގެ ސްކޫލުގައި ހުންނަ ލައިބްރަރީ ފިޔަވައި އިތުރު ލައިބްރަރީއެއް ނެތް ކަމަށެވެ.

"އެހެންކަމުން ކުދިން ފޮތް ކިޔުމަށް ޝައުގު އުފެއްދުމުގެ ގޮތުން އައި ހިޔާލެއް މިއީ. މި ރީޑިން ޕާކުގެ ސަބަބުން ދަރިވަރުންނަށް ރަށްޓެހިކުދިންނާއި އާއިލާއާ އެކުގައި އައިސް ފިލާވަޅުތައް މުތާލިއާކުރުމުގެ ފުރުސަތު ލިބިގެންދާނެ." އޭނާ ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރަކީ މެދުކެނޑުމެއްނެތި ކޮމިއުނިޓީ ފަންޑު ހިންގާތާ ތިންވަނަ އަހަރެވެ. އަދި މިހާތަނަށް މިފަންޑުގެ ދަށުން 55 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.