މިވަގުތު ރާއްޖޭގެ ލީގުގައި ކުޅެމުން އަންނަ އެންމެ ވަރުގަދަ ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ނ. ކެނދިކުޅުދޫގައި އެ ކްލަބުގެ އެކަޑެމީއެއް ހުޅުވައިފިއެވެ.

މާޒިޔާއިން މީގެ ކުރީންވެސް އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި އެކަޑެމީތައް ހުޅުވާފައިވެއެވެ. ކޮވިޑް 19 އާއެކު އެ ރަށްތަކުގައި ހިންގަމުން ދިޔަ އެކަޑެމީތަކަށް ކޮންމެވެސް ވަރެއްގެ ބުރުލެއް އަރާފައިވީ ނަމަވެސް މިހާރު އެ ކްލަބުން ވަނީ އަލުން އާ އެކަޑެމީތަކެއް ހުޅުވަން ތައްޔާރުވެފައެވެ.

އިއްޔެ މި އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ކެނދިކުޅުދޫ ޓާފްގައެވެ. އެޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދުގެ އިތުރުން ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒްވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެކަޑެމީ ހުޅުވުމުމާއެކު މާޒިޔާއިން ވަނީ ކެނދިކުޅުދޫ ކައުންސިލްގެ އިތުރުން އެ ކްލަބުގެ އެންމެ ބޮޑު ސްޕޮންސަރު އުރީދޫ، އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކޮށްފައެވެ.

އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ކޮމާޝައަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ޒުވާން ކުޅުންތެރިން ބިނާކުރުމުގައި މާޒިޔާއިން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވެދިނުމަކީ އުރީދޫއަށް ލިބޭ ފަހުރެއް ކަމަށާއި، އުރީދޫގެ ވިސްނުމަކީ ރާއްޖޭގެ ރަށްރަށުގެ ކޮމިއުނިޓީތަކަށް އެފަދަ ކުރިއެރުންތައް ހޯދައިދިނުން ކަމަށެވެ.

މާޒިޔާއަކީ އެންމެފަހުގެ ލީގު ޗެމްޕިއަނުންނެވެ. މިފަހަރުގެ ސީޒަނަށްވެސް ވަރުގަދަކޮށް ތައްޔާރުވަމުން އަންނަ އިރު، ސީނިއާ ޓީމު މިވަގުތު ކޭމްޕް ކުރަމުން އަންނަނީ ވެސް ކެނދިކުޅުދޫގައެވެ. އިއްޔެގެ އިވެންޓްގައި މާޒިޔާގެ ސީނިއާ ޓީމުގެ ކުޅުންތެރިންވެސް ބައިވެރިވެފައިވެއެވެ.