ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޮފް ބުރުގައި އިޓަލީ އާއި ޕޯޗުގަލް އެއް ބްރެކެޓެއްގައި ލައްވާލުމުން، އެ ދެގައުމުން ކުރެ ކޮންމެވެސް އެއް ގައުމަކަށް ވޯލްޑް ކަޕް 2022 ގެ ޖާގަ ގެއްލޭނެ ކަން ޔަގީންވެއްޖެއެވެ.
ޔޫއެފާ ކޮލިފިކޭޝަން ޕްލޭ އޮފްގައި ޖުމްލަ 12 ޓީމު ހިމެނިފައިވާ އިރު، ޕްލޭ އޮފް ބުރުން ކޮލިފިކޭޝަނަށް ދާނީ ތިން ޓީމެކެވެ. އެ ތިން ޓީމު ކޮލިފިކޭޝަނަށް ދާން އޮތް މަގަކީ ތިން ބްރެކެޓެއްގެ ތެރެއިންނެވެ. ކޮންމެ ބްރެކެޓެއްގައި ހަތަރު ޓީމު ހިމެނޭ އިރު، ފުރަތަމަ ކުޅޭނީ ސެމީ ފައިނަލް ދެމެޗެކެވެ. އެއަށްފަހު ގަތަރު ވޯލްޑް ކަޕަށް ދާ ޓީމު ޔަގީންކުރަން ކުޅޭނީ ފައިނަލް މެޗެކެވެ.
ކޮލިފިކޭޝަން ޕްލޭ އޮފްއަށް ދިޔަ 12 ޓީމުގެ ތެރެއިން 10 ޓީމަކީ ޔޫއެފާ ކޮލިފިކޭޝަންގައި ކުޅުނު 10 ގްރޫޕުގެ ރަނަރަޕް ޓީމުތަކެވެ. އެޓީމުތަކުގެ އިތުރުން ދެން ޕްލޭ އޮފްއަށް ދިޔައީ ނޭޝަންސް ލީގުން ދިޔަ ދެޓީމެވެ.
މިރޭ ބޭއްވި ގުރުއަތު ނެގުމަށް ޓީމުތައް ވަނީ ސީޑް ކޮށްފައެވެ. އެގޮތުން ސީޑު ކޮށްފައި ވަނީ ރޭންކިންއަށް ބަލައި ހަ ޓީމެކެވެ. ގުރު ނަގާފައި ވަނީ އެ ހަ ޓީމުތަކާ ދެކޮޅަށް ކުޅޭނެ ޓީމުތައް ކަނޑައެޅުމަށެވެ. ސީޑު ކުރި ހަ ޓީމުވެސް ބްރެކެޓްތަކަށް ބަހައިލީ ގުރު ނަގައިގެންނެވެ.
ޕެތު 1:
ސެމީ ފައިނަލް ފުރަތަމަ މެޗު
ސްކޮޓްލޭންޑް/ ޔޫކްރެއިން
ސެމީ ފައިނަލް ދެވަނަ މެޗު
ވޭލްސް/ އޮސްޓްރިއާ
ޕެތު 2:
ސެމީ ފައިނަލް ފުރަތަމަ މެޗު
ރަޝިއާ/ ޕޮލެންޑް
ސެމީ ފައިނަލް ދެވަނަ މެޗު
ސްވިޑެން/ ޗެކް ރިޕަބްލިކް
ޕެތު 3:
ސެމީ ފައިނަލް ފުރަތަމަ މެޗު
އިޓަލީ/ ނޯތު މެސަޑޯނިއާ
ސެމީ ފައިނަލް ދެވަނަ މެޗު
ޕޯޗުގަލް/ ތުރުކީ
ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ އިޓަލީ އާއި ޕޯޗުގަލްގެ ތެރެއިން ކޮންމެވެސް އެއް ޓީމަކަށް އަންނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލޭ އިރު، އިޓަލީއަކީ މިވަގުތުވެސް ޔޫރަޕްގެ ޗެމްޕިއަނުންނެވެ. އިޓަލީއަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ގެއްލިފައިވާ އިރު، ޕޯޗުގަލް ކޮލިފައިވީ ޕްލޭ އޮފްއިންނެވެ. ޕޯޗުގަލްއަކީ އިޓަލީގެ ކުރިން ޔޫރޯ ޗެމްޕިއަނެވެ.
މީގެ ކުރިން އިޓަލީން ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވެއެވެ. އެއީ 1934ގެ އިތުރުން 1938 އަކާއި، 1982 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އިޓަލީން އެންމެފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލްގައި ފްރާންސް ބަލިކޮށްގެންނެވެ.
މިރޭގެ ގުރުއަތު ނެގުމުގައި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އިންޓަ ކޮންޓިނެންޓަލް ޕްލޭ އޮފްގެ ގުރުވެސް ނަގައިފައިވެއެވެ. ހަތަރު ބައްރުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ އެ ޕްލޭ އޮފްގެ ފުރަތަމަ މެޗުގައި އޭއެފްސީގެ ޓީމުން ވާދަކުރަން ޖޭހެނީ ދެކުނު އެމެރިކާގެ ގްރޫޕުން ޕްލޭ އޮފްއަށް ދާ ޓީމާ ދެކޮޅަށެވެ. އިންޓަ ކޮންޓިނެންޓަލް ދެވަނަ ޕްލޭ އޮފް މެޗުގައި އުތުރު އެމެރިކާގެ ޓީމުން ވާދަކުރާނީ އޯޝެނިއާއިން ޕްލޭ އޮފްއަށް ދާ ޓީމާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު