ކްރިކެޓް

ކާނިވަލުން ދައްކުވައިދިނީ ބިދޭސީ މަސައްކަތްތެރިންނަށް ވީތީ ބާކީވާން ނުޖެހޭކަން، ކާމިޔާބު ފެށުމެއް!

"ބިދޭސީ މަސައްކަތްތެރިން އާއިލާއާއި ދުރުގައި އުޅޭއިރު ސްޓްރެސް ފިލުވާލަން ބޭނުންވާނެ. ކުޅިވަރާއި އެކިއެކި ހަރަކާތްތަކުގައިވެސް ބައިވެރިވާން ބޭނުންވާނެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެ މަސައްކަތްތެރިންނަށް ގިނަ ފަހަރު ހުސްކޮށް މި ލިބެނީ ހަމައެކަނި ހުކުރު ދުވަސް. އަމިއްލައަށްވެސް މުނިފޫހިފިލުވުމުގެ ކަންކަން ރާވައިގެން އެބަކުރޭ. އެހެންވެ އެމީހުންނަށް ހާއްސަ ހުކުރު ދުވަހެއް ގެންނަން މި ވިސްނީ. އެއީ ކްރިކެޓް ކާނިވަލެއްގެ ތެރެއިން ގިނަ ހަރަކާތްތަކެއްވެސް ހިމެނޭހެން،"

މިއަދު އެކުވެނި ސަރަހައްދުގައި ބޭއްވި "މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް"ގެ މަގުސަދު މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްގެ ރައީސް މިނާހް ފާއިޒް މާ ކުރިން ކަނޑައެޅިއެވެ. ބިދޭސީ މަސައްކަތްތެރިންގެ ގުޅުމަށް، އެ މަސައްކަތްތެރިންގެ ހައްގުތަކަށް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިނާހް ދައްކަމުން އަންނަ ވާހަކައަކީ "ބިދޭސީ މަސައްކަތްތެރިންނަށް ވީތީ ބާކީވާން،" ނުޖެހޭނެކަމުގެ ވާހަކައެވެ. ޖަމިއްޔާއަށް އަހަރެއް ފުރިގެން ދިޔަ އިރު، މިއަދުގެ އިވެންޓުންވެސް ޖަމިއްޔާގެ ފުރިހަމަ މަސައްކަތް ސާފެވެ. ޖަމިއްޔާގެ މައިގަނޑު އަސާސް ފެނިގެން ދިޔައީ މިއަދުގެ ކާނިވަލުގައި ބައިވެރިވި 19 ޓީމުގެ ހުރިހާ ކުޅުންތެރިންގެ މޫނުތަކުން ފެނުނު ހިތްހަމަޖެހުމާއި އުފާވެރިކަމާއި ހިނިތުންވުމުންނެވެ.

"މިއަދުގެ އިވެންޓަކީ ވަރަށް ބޮޑު ކާމިޔާބެއް. އެހާ ގިނަ މީހުން މިކަމަށް އައިސް، މިކަމުގައި ހަރަކާތްތެރިވާނެ ކަމަށް އުންމީދު ނުވެސް ކުރަން. ހަމަ ޔަގީނުންވެސް އަންނަ އަހަރުގެ އިވެންޓް މިއަށްވުރެ ފުރިހަމަ ވާނެ. އަދިވެސް އިތުރު މަސައްކަތްތެރިން މިފަދަ އިވެންޓުތަކުގައި ބައިވެރިކުރުން އެއީ މަގުސަދަކީ. ކްރިކެޓް މުބާރާތަކީ ހުރިހާ މަސައްކަތްތެރިންވެސް ވަރަށް ބޮޑަށް އުފާކުރި މުބާރާތެއް. އޭގެ އިތުރުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ މަސައްކަތްތެރިންނަށް ހެލްތު ސްކްރީނިން އަދި ހިލޭ ގާނޫނީ ލަފާވެސް ދެވުނު. ޑޮކްޓަރުންނާވެސް އެކު ކުރިއަށް ގެންދިޔައީ،" މިއަދުގެ އިވެންޓާ ގުޅިގެން މިނާހް "ވަން"އަށް ވިދާޅުވިއެވެ.

އިވެންޓުގެ ކާމިޔާބީގައި ހިއްސާވާ އެތައް ޕާޓްނަރުންނެއްވެސް އެބަ ތިއްބެވެ. މިނާހް ވަނީ އެ ނަންތައް ވަރަށް ބޮޑަށް ފާހަގަކުރައްވައިފައެވެ.

"ޝުކުރު އަދާކުރަން ބޭނުން ހުރިހާ ޕާޓްނަރުންނަށްވެސް. ހާއްސަކޮށް އުރީދޫގެ އިތުރުން ކްރިކެޓް ބޯޑު އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ޑައިބެޓިކްސް އެސޯސިއޭޝަން، ކެންސާ ސޮސައިޓީއާއި އެޗްޕީއޭއަށްވެސް ޝުކުރު އަދާކުރަން. ލީގަލް އެވެއާނަސް ދިން ޕީއޭއެލްސީއާއި ޓްރާންސްޕޭރެންސީގެ ނަން ފާހަގަކުރަން،" މިނާހް ފާހަގަކުރެއްވިއެވެ.

ކްރިކެޓް މުބާރާތް މިއަދު ހެނދުނު ފައްޓަވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. މަހުލޫފާއެކު ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް އާއި އުރީދޫގެ އިސްވެރިންވެސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ކްރިކެޓް ބޯޑުގެ ރައީސް ފައިސަލްއާއި މަހުލޫފްގެ ބެޓިންއިން މުބާރާތް ފެށިގެން ގޮސް، މިއަދު ކާނިވާލް ނިންމާލީ އެތައް މަސައްކަތްތެރިންނަކަށް ހިނިތުންވުން ގެނުވައިފައެވެ.

"ވަރަށް ވަރަށް ބޮޑަށް އުފާވެއްޖެ މިކަހަލަ އިވެންޓެއް ރޭވިގެން ދިޔައީމަ. މިއީ ވަރަށް ބޮޑަށް ބޭނުންވާނެ ކަހަލަ އިވެންޓެއް. ހާއްސަކޮށް މި އިވެންޓުގެ ސަބަބުން މުޖުތަމައުގައި ބައިވެރިވުމަށް ފުރުސަތެއް އެބަ ލިބިގެންދޭ. ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" އިވެންޓުގައި ބައިވެރިވި ބަންގުލަދޭޝް ރައްޔިތަކު "ވަން"އަށް ބުންޏެވެ.

ކްރިކެޓް މުބާރާތުގެ ޗެމްޕިއަން ޓީމަކީ އަހިންސަކާސްއެވެ. ރަނަރަޕް ޓީމަކީ ބަންގުލަދޭޝް ހައިކޮމިޝަނެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ބަންގުލަދޭޝް ހައި ކޮމިޝަންގެ ސައީދުލް އިސްލާމެވެ. އޭގެ އިތުރުން މުބާރާތުގެ އެހެން މަގާމުތައްވެސް ހޮވާފައިވެއެވެ. އެގޮތުން އެންމެ މޮޅަށް ބެޓްކުރި ކުޅުންތެރިޔަކަށް ހޮވުނީ ކަންޑިއަން ކްރިކެޓް ކްލަބުގެ ކައުޝަލް ރޮޑްރީގޯއެވެ. އެންމެ މޮޅު ފީލްޑަރަކަށް ހޮވުނީ އަހިންސަކާސްގެ ވަޖީރާ ކަސުންއެވެ. އެންމެ މޮޅު އުކުންތެރިޔަކީ ކަންޑިއަން ކްރިކެޓް ކްލަބުގެ ރަނޫކާ ޕެރޭރާއެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއަކީ މަސައްކަތްތެރިންގެ ހައްގުގައި ބުރަކޮށް މަސައްކަތް ކުރާނެ ޖަމިއްޔާއެއްކަން މިއަދުގެ ކާމިޔާބު އިވެންޓުން ދައްކުވައިދީފިއެވެ. ބައިވެރިންގެ މޫނުމަތިން ފެނުނު އުފާވެރި ވަގުތުކޮޅަކީ ޖުމުލަ މަންޒަރު ނޫން ނަމަވެސް، އެއީ ކާމިޔާބީގެ ސަފުހާއެކެވެ. މުޖުތަމައުގައި އެ ފަރުދުން ބައިވެރިކުރުމަށް މިޝަން ފޯ މައިގްރެންޓް ވޯކާސް ފަދަ ޖަމިއްޔާތަކުން ކުރަމުން އަންނަ މަސައްކަތަށް އިތުރުވެގެން ދިޔައީ ކާމިޔާބު ބޮޅެކެވެ. ކުރަން އޮތް މަސައްކަތް ބޮޑު ނަމަވެސް، ޖަމިއްޔާ އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫންކަން މިއަދުގެ ކާމިޔާބު އިވެންޓުން ދައްކުވައިދީފިއެވެ.