ސިޔާސީ ޕާޓީއެއްގެ ގޮތުގައި "އެކުވެރި ސުވަދީބު ޕާޓީ" އުފެއްދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމުގެ ހުއްދައަށް މިދިޔަ މަހުގެ 15 ދުވަހު ހުށަހަޅާފައިވަނީ އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ މުހައްމަދު ޔާސީންއެވެ.
އީސީން އޭނާއަށް އިއްޔެ ފޮނުވި ސިޓީގައި ވަނީ "އެކުވެރި ސުވަދީބު ޕާޓީ" އަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްކުރާ ނަމަކަށްވާތީ، ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެންވެ އެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދެވެން ނެތް ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައިވެއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ނަމުގައި މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާ ނަން ހިމަނައިގެން ނުވާނެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީގެ ގަވާއިދުގެ ހަ ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ އީސީން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެއެވެ.
މީގެ ކުރިން އީސީން ވަނީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް"ގެ ނަން ދިވެހިވަންތަ ނޫން ކަަމަށް ބުނެ އެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން ނިންމައިފައެވެ. ނަމަވެސް ފަހުން އެ ޕާޓީއަށް ހުއްދަ ދިނީ "އިހްލާސްތެރި މޯލްޑިވްސް ޕާޓީ" ގެ ނަމުގައި އުފެއްދުމަށް ހުށަހެޅުމުންނެވެ. އީސީން އެންމެ ފަހުން ރަޖިސްޓްރީ ކޮށްދީފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު