ޚަބަރު

ދެ ޖިންސުގެ ނާޒުކު ކަމަށް އިހުތިރާމުކުރާ މީޑިއާ މާހައުލަކަށް މީހުން ތަމްރީނުކުރަން ބޭއްވި ވޯކްޝޮޕް ނިންމާލައިފި

އަލީ ޔާމިން

ދެ ޖިންސުގެ ނާޒުކު ކަމަށް އިހުތިރާމުކުރާ މީޑިއާ މާހައުލަކަށް މީހުން ތަމްރީނު ކުރުމަށް ބޭއްވި ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖެންޑާ މިނިސްޓްރީއާ ގުޅިގެން އައްޑޫ ވިމެންސް އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން މިމަހުގެ 21 ވަނަ ދުވަހު ފެށި އެ ވޯކްޝޮޕަކީ މުޖުތަމައުގެ ތެރޭގައި ދެ ޖިންސުގެ ވިސްނުން ބަދަލުކުރުމާއި މީޑިއާގައި ހަމަހަމަކަމާ އެކު ދެ ޖިންސުގެ ބައިވެރިވުން އިތުރުކުރުވުމާއި ޑިޖިޓަލް މީޑިއާ އާއި ފިލްމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މީހުން ތަމްރީނު ކުރަން ފެށި ވޯކްޝޮޕެކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި 33 މީހަކު ބައިވެރިވިއެވެ. ހުރިހާ ބައިވެރީންނަކީވެސް ދިވެހިންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ކޮމިއުނިކޭޝަން އަދި މީޑިއާ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ ފަރާތްތައްވެސް ހިމެނެއެވެ.

ޔުނެސްކޯ އާއި އިންޓަނޭޝަނަލް ޕްރޮގްރާމް ފޮ ދަ ޑިވެލޮޕްމަންޓް އޮފް ކޮމިއުނިކޭޝަން (އައިޕީޑީސީ) ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި ކިޔަވައިދިނުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ޓްރެއިނަރުން ތަމްރީނު ކޮށްފައެވެ. އެބޭފުޅުންނަކީ "ވަން" މީޑިއާ ގްރޫޕުގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދާއި އޭއޯ ނިއުސްގެ ފައުންޑަރު ޝިމްލާ އަހުމަދާއި ވެސްޓް އޮސްޓްރޭލިއަން މޯލްޑިވިއަން އެސޯސިއޭޝަންގެ ހަޒާންދާރު މޫސާ ރައްޔާން ޝާހިދުގެ އިތުރުން ޕަބްލިކް ރިލޭޝަންސް ތަޖުރިބާކާރު ޝައުފާ ހުސައިނެވެ.

އޭގެ އިތުރުން އެ ވޯކްޝޮޕުގައި އިންޑިއާގެ ތިން ޕްރޮފެސަރުން ކަމަށްވާ ޕްރޮފެސަރު އަމްބްރިޝް ސަކްސޭނާ އާއި ޕްރޮފެސަރު ޖައިޝްރީ ޖެތުވާނޭ އަދި ސީމާ ގޮޔާލްވެސް ވޯކްޝޮޕްގެ ބައިވެރިންނަށް ބައެއް ސެޝަންތައް ވަނީ ނަގައިދެއްވައިފައެވެ.

އެވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ވޯކްޝޮޕް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައެވެ. ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (އޫއެންއެފްޕީއޭ) ޝާދިޔާ އިބްރާހިމްއެވެ.

ރަސްމިއްޔާތަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަޑައިގެންނެވެން ނެތުމުން، މިނިސްޓަރުގެ ސްޕީޗް ވިދާޅުވެދެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރެވެ. އެގޮތުން އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ފުރައްސާރަކޮށް ގޯނާކުރާ މައްސަލަތައް ދޭތެރެ ދޭތެރެއިން ޖެންޑާއަށް ހުށަހަޅާ ކަމަށާއި އެ ވޯކްޝޮޕުގެ ސަބަބުން އެކި ސިނާއަތްތަކުގައި މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހާއްސަ ގޮތެއްގައި މީޑިއާގެ ދާއިރާ އާއި ފިލްމު ހެދުމާއި މުނިފޫހިފިލުމުގެ ހަރަކާތްތަކުގައި މިންތީގެ ހަމަހަމަކަން އިތުރު ކުރަން އެ ފަދަ ވޯކްޝޮޕްތަކުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ބާރުއެޅުމަށާއި ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރަތައް މަދުކުރުމަށް ޔުނެސްކޯ އާއި ކަމާ ގުޅުން ހުރި އެހެން ޖަމިއްޔާތަކާ ގުޅިގެން މީޑިއާ ޓޫލް ކިޓެއް ތައްޔާރުކުރުމުގެ މަސައްކަތާއި ޖެންޑާ ސެންސިޓިވް ޕެރޮމީޓާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މާލޭގައި ވޯކްޝޮޕެއް ބާއްވާފައިވާއިރު، އައްޑޫ ވިމެންސް އެސޯސިއޭޝަން އިން އަންނަ އަހަރު ކުރީކޮޅު އައްޑޫގައިވެސް މިފަދަ ވޯކްޝޮޕެއް ބާއްވަން ވަނީ ނިންމައިފައެވެ.