ޚަބަރު

ހުރިހާ ހަކަތައެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް: އިމްރާން

އައިޝަތު ނިއުޝާ

އިގްތިސޯދީ ތަނަވަސްކަމާއި, މާލީ ފުދުންތެރިކަމާއި ތިޔާގިކަން އޮތުން އެއީ ހިތްހަމަޖެހުމާއި އުފާ ލިބުމުގެ އެންމެ މުހިއްމު ސަބަބެއް ކަމަށާއި، އެކަމަށް ޓަކައި އެންމެނަށް ވާދަކުރުމާއި ހުރިހާ ވަގުތެއް ހޭދަކޮށް، ހުރިހާ ހަކަތައެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ ދ ކުޑަހުވަދޫގައި، އިއްޔެ އަޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގަ އެވެ.

އެހެންނަމަވެސް އިންސާނީ މުޖުތަމައެއް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށްވާނީ އިގްތިސޯދީ ތަނަވަސްކަމާއި, ތިޔާގިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖުތިމާއީ ދުޅަހެޔޮކަމާއި, ބަދަހިކަމާއި ރައްކާތެރިކަން ހޯދައިގެން ކަމަށް މިނިސްޓަރު އިމްރާން އަބްދުالله އެވެ.

އެމަނިކުފާނުގެ ވާހަކައިގައި އެ ބިންގަލަކީ ރާއްޖޭގައި އެތައް އަހަރެއްވަންދެން ހައްލު ނުވެ އޮތް އިޖުތިމާއީ ބޮޑު މައްސަލައެއް ހައްލުކުރުމުގެ ބިންގާ ކަމަށް ފާހަގަކުރެއްވި އެވެ. އަދި އެ ބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމުގެ މުހިއްމު ބިނާއެއް ބިނާކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރުގެ ވާހަކައިގައި، ރާއްޖޭގައި މިއަދުގެ ހާލަތުގައި ބޮޑެތި އިޖުތިމާއީ އެތައް ކަމެއް އެބަހުރި ކަމަށް ފާހަގަ ކުރެއްވި ކަމަށެވެ. އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަލާއިރު މިގައުމުގައި ކުރިއަރައި ތަރައްގީވެ ކުރިއަށްދިއުމުގެ ގިނަ ވިސްނުންތައް އެބަހުރި ކަމަށްވެސް ފާހަގަކުރެއްވި ކަމަށެވެ.

އެގޮތުން މިނިސްޓަރުގެ ވާހަކައިގައި، ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި, ބަދަހިކަމާއި ދުޅަހެޔޮކަމަކީ އެތަންތަނުގެ އިގްތިސޯދީ ކުރިއެރުމަށްވުރެ ބޮޑަށް ކުރިއަރާފައި ހުރި ކަންކަން ކަމަށް ވިދާޅުވެ، މި ގައުމުގައިވެސް ކުރިއަރާ އުފާވެރި މުޖުތަމައެއް ލިބެން ބޭނުން ނަމަ އެމަގުން ހިނގުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ވަނީ ފާހަގަ ކުރައްވައިފަ އެވެ.