އިނގިރޭސި ކްލަބު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބޭނުންވަނީ ކްލަބުގެ ކުރީގެ ކޯޗު އާސެން ވެންގާ، ކްލަބުގެ ޓެކްނިކަލް މަގާމަކަށް ގެންދަން ކަމަށް އޭނާ ބުނެފިއެވެ.

އާސެނަލަށް ގިނަ ދުވަސްތަކެއް ވަންދެން ކޯޗުކަން ކޮށްދީ، ކްލަބާއެކު ތިން ފަހަރަށް ލީގު ކާމިޔާބުކޮށްދިން އުމުރުން 72 އަހަރު ވެންގާ އެ ކްލަބަށް ގެންދަން އާޓެޓާ ބޭނުންވަނީ ޓެކްނިކަލް ރޯލަކަށެވެ. އެފަދަ ގޮތަކަށް ވެންގާ ގެންދަން އާޓެޓާ މިހާރު ވެންގާއާ ވާހަކަ ދައްކާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އާސެނަލްއާއެކު 22 އަހަރު ހޭދަކުރި ވެންގާ މިވަގުތު ފީފާގެ ހެޑް އޮފް ގްލޯބަލް ފުޓުބޯލް ޑިވަލޮޕްމަންޓްގެ މަގާމުގައި ހުރި އިރު، އޭނާއަކީ ފުޓުބޯޅައިގެ ބޮޑު ތަޖުރިބާކާރެކެވެ. ފީފާގައި އޭނާ ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ ހުރިހާ ގައުމުތަކަށްވެސް ހަމަހަމަ ގޮތެއްގައި ފުޓުބޯޅަ ކުރިއެރުވޭނެ ގޮތްތަކެއް ހޯދުމެވެ. އެގޮތުން ވޯލްޑް ކަޕްގެ ފޯމެޓަށް ބަދަލު ގެންނަން ވެންގާ ދަނީ އިސްކޮށް މަސައްކަތް ކުރަމުންނެވެ.

"އާސެނަލްއާ ގާތުން ވެންގާ މަސައްކަތް ކުރަން އަހަރެން ބޭނުން. ވެންގާއަށް އާސަނެލްގެ ހުރިހާ ލެވެލްއަކުން ކުރާ އިހުތިރާމާއެކު މިހާރު އާސެނަލްގައި އޮތީ ވެންގާއަށް ވަރަށް އެކަށޭނެ ރަނގަޅު މާހައުލެއް. ވެންގާއަކީ އާސެނަލްގެ ހުރިހާ އެންމެންވެސް އެންމެ ބޮޑަށް ލޯބިވާ އެއް ޝަހުސިއްޔަތު. ވެންގާ އާސެނަލްގެ ޓެކްނިކަލް ރޯލަކުން ފެންނާނެ ކަމަށް އުންމީދުކުރަން،" ވެންގާގެ ކޯޗުކަމުގައި އާސެނަލަށް ފަސް އަހަރު ކުޅުނު، އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ވެންގާއާ މަޝްވަރާތަކެއް ހިނގާފައިވާ ކަމަށާއި، ވެންގާ މިވަގުތު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންވެސް އާސެނަލަށް ކޮންމެވެސް ހިދުމަތެއް ކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ވެންގާ އާސެނަލްގެ ކޯޗުކަމުގައި 1235 މެޗަށް ނުކުމެފައިވެއެވެ. އެ ކްލަބުގެ ކޯޗުކަން ވެންގާ ދޫކޮށްލީ 2017-18 ވަނަ އަހަރުގެ ސީޒަނަށް ފަހުގައެވެ. އޭގެ ފަހުން ކްލަބާ ހަވާލުވީ އުނައި އެމެރީއެވެ. އެމެރީއަށްވެސް ކްލަބުގައި މާބޮޑު ކާމިޔާބީއެއް ނުހޯދި ދާން ޖެހުނު އިރު، މިހާރުގެ ކޯޗު އާޓެޓާއަށް ހޯދުނު ކާމިޔާބީއަކީ 2019-20 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދުމެވެ.

އާސެނަލްއިން މިދިޔަ ސީޒަން އަށްވަނައިގައި ނިންމާލި އިރު، އެއީ އެ ކްލަބަށް 25 އަހަރަށްފަހު ޔޫރަޕްގެ ފުޓުބޯޅަ އެއްކޮށް ގެއްލުނު ފުރަތަމަ ފަހަރެވެ. އާސެނަލްއިން މިދިޔަ ސީޒަންގައި ކޮންފަރެންސް ލީގަށްވެސް ކޮލިފައިވެފައެއް ނުވެއެވެ.