ދުނިޔެ

ކޮވިޑުގެ އާ ވޭރިއަންޓަކާއެކު ދުނިޔެއަށް އަނެއްކާވެސް ބިރުވެރިކަން

ސައުތު އެފްރިކާ އިން ކޮރޯނާ ވައިރަހުގެ ނުރައްކާތެރި އާ ވޭރިއަންޓެއް އަނެއްކާވެސް ފެނިއްޖެއެވެ.

މައުލޫމާތު ދެއްވުމަށް ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ސައުތު އެފްރިކާގެ ހެލްތު މިނިސްޓަރު ޖޯ ފާހްލާ ވަނީ އެގައުމުގައި ފަހަކަށް އައިސް ކޮވިޑުގެ ކޭސްތައް މަތިވުމުގެ ސަބަބަކީ މި އާ ވޭރިއެންޓް ކަމަށް ވިދާޅުވެފައެވެ. ބީ.529.1.1 ވޭރިއަންޓުގެ ކޮރޯނާވައިރަސް ހަށިގަނޑުގެ ދިފާއީ ބާރަށް ހަމަލާދީ އަވަހަށް ބަލި ފަތުރާ ކަމަށް އެގައުމުގެ ސައިންޓިފިކް ހޯދުން ތަކުން ދައްކާފައިވާ ކަމަށް ވެސް ފާހްލާ ވިދާޅުވި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ކޮމިއުނިކެބަލް ޑިސީސަސް (އެންއައިސީޑީ) އިން މި ބައްދަލުވުމުގައި ހާމަކުރިގޮތުގައި އެގައުމުގައި ހެދުނު ޖެނޯމިކް ސިކުއެންސުން، ޕޮޒިޓިވް ވި 22 މީހެއްގެ ހަށިގަނޑުން މި އާ ވޭރިއަންޓު ވަނީ ފެނިފައެވެ. ސައުތު އެފްރިކާއިން އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ބާވަތެއްގެ ވޭރިއަންޓެއް ކަން ސައުތު އެފްރިކާގެ ޖެނޯމިކް ސާވޭލަންސް ނެޓްވޯކުގެ ފަރާތުން ޓޫލިއޯ ޑި އޮލިވީރާ ޕްރެސް ކޮންފެރެންސުގައި ވަނީ ވިދާޅުވެފައެވެ.

މި ވޭރިއަންޓު ވަރަށް ހަލުވިކޮށް ބަދަލުވަމުންދާ ކަމަށާއި ކޮވިޑުގެ އަދަދުތައް މަތިވުމުގެ ފަހަތުގައި މި ވޭރިއަންޓު ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ވޭރިއަންޓު ބޮޓްސްވާނާ އަދި ހޮންކޮންގުން ފެނިފައިވާއިރު ޕޮޒިޓިވްވި މީހުންނަކީ ސައުތު އެފްރިކާއަށް ވަރަށް ފަހުން ދަތުރުކޮށްފައިވާ ފަރާތްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ސައުތު އެފްރިކާގެ ހެލްތު މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި އާ ވޭރިއަންޓުގެ ސަބަބުން ދުނިޔެ އަނެއްކާވެސް ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެކަމުގައި ވިދާޅުވިއިރު އެގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވް ވާ އަދަދުތައް ބުދަ ދުވަހު ވަނީ 1200 އަށް ވުރެ މަތިވެފައެވެ.

ސައުތު އެފްރިކާގައި މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު 2.95 މިލިއަނަށް އަރާފައިވާއިރު އެ ބަލީގައި ވަނީ 89،657 މީހުން މަރުވެފައެވެ.

މި އާ ވޭރިއަންޓު ފެނުމުގެ ކުރިންވެސް ކްރިސްމަސް އަދި އާ އަހަރާ ދިމާކޮށް އެ ގައުމުން ވަނީ އަންނަ މަހު ކޮވިޑުގެ އަދަދުތައް މަތިވެ ހަތަރު ވަނަ ރާޅެއް އަރައިފާނެ ކަމުގެ އިންޒާރު ދީފައެވެ.

އެންއައިސީޑީ އިން ފާހަގަކުރިގޮތުގައި މި އާ ވޭރިއަންޓުގެ ސަބަބުން ޕޮޒިޓިވް ވާ އިންސައްތަ ވަރަށް ހަލުވިކޮށް މަތިވަމުން އަންނަ ކަމަށާއި އެގޮތުން ގަންޓެން، ޖޮހަނެސްބާގު އަދި ޕްރިޓޯރިއާ ޕްރޮވިންސުތަކުގައި މި ވޭރިއަންޓު ފެނިފައިވާކަމަށް ވިދާޅުވިއެވެ.

ޕްރިޓޯރިއާގެ މަތީ ސާނަވީ އިންސްޓިޓިއުޓެއްގައި އުޅުނު ކޮވިޑުގެ ކްލަސްޓާއެއް އެންއައިސީޑީގެ ސަމާލުކަމަށް ގެނެވުނުކަމުގައި ވެސް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ. މި ވޭރިއަންޓު އިތުރަށް ދިރާސާކުރުމަށް ބޭނުންވާ ޑާޓާތައް މަދު ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ސާވޭލަންސްގެ އެހީގައި ލިބެން ހުރި މައުލޫމާތުތަކުގެ އަލީގައި އެކަންކަން ބަލައި ހޯދަމުން އަންނަކަމުގައި އެފަރާތުން ވިދާޅުވިއެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން މި ވޭރިއަންޓު ބޮޑަށް ފެނިފައިވަނީ ޒުވާނުންގެ ގައިން ނެވެ. ޑަބްލިއުއެޗްއޯގެ އެފްރިކަން ރީޖަނަލް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރުޕޫގެ ޕްރޮފެސަރު ހެލެން ރީސް ވަނީ އާއްމުން ކަންބޮޑު ނުވުމަށް އިލްތިމާސްކުރައްވައިފައެވެ. ރީސް ވިދާޅުވިގޮތުގައި މިވަގުތު އަންނަނީ މި އައު ވޭރިއަންޓުގެ ނުރައްކާ އޮތީ ކިހާވަރަކަށްތޯ ބަލައި ދިރާސާކުރަމުންނެވެ. އަދި އެކަމަނާ ވަނީ މިކަމުން އަރައިގަތުމަށް އެފްރިކާ ބައްރުގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުން ވަނީ ސައުތު އެފްރިކާ، ނެމީބިއާ، ލެސޯތޯ، އެސްވަޓިނީ އަދި ޒިމްބާބުވޭ އިން ބްރިޓަންއަށް ކުރާ ދަތުރުތައް ހުކުރު ދުވަހުން ފެށިގެން މެދުކަނޑާލާނެކަން އިއުލާނުކުރައްވައިފައެވެ. އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ސާވިދު ޖާވިދު ވިދާޅުވިގޮތުގައި މިހާތަނަށް އެނގެން ހުރި މައުލޫމާތުގެ އަލީގައި އާ ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރޭ ވައިރަހަކަށް ވެފައި ވެކްސިނުން ދޭ ރައްކާތެރިކަށް ކުޑަކޮށްލާ ކަމަށްވެސް ވަނީ ބެލެވިފައެވެ. އެ ގައުމުން އަދި މި ވޭރިއަންޓު ފެނިފައި ނުވިނަމަވެސް ތަޖުރިބާކާރުން ވަނީ އެ ވޭރިއަންޓު ފެނިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށާއި އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ އިތުރުން އިސްރާއީލުން ވެސް ވަނީ އެފްރިކާގެ ގައުމުތަކުން ދަތުރުކުރުން މަނާކޮށްފައެވެ. އިސްރާއީލުން ވަނީ އެ ހަ ގައުމުގެ އިތުރުން މޮޒަމްބީގުން ވެސް އިސްރާއީލަށް ދަތުރުކުރުން މަނާކޮށްފައެވެ.

އޮސްޓްރޭލިއާ އިން ބުނެފައިވަނީ މި ވޭރިއަންޓާ ގުޅޭ ކަންކަން ގާތުން ބަލަމުން ގެންދާނެ ކަމަށާއި އެފްރިކާ ގައުމުތަކަށް ބޯޑަރު ބަންދުކުރަން ޖެހިއްޖެ ހާލަތަށް ގޮސްފިނަމަ އެކަން ކުރަން ތައްޔާރަށް ތިބި ކަމަށެވެ.