އެސްޓީއޯ އާއި ވިލާ ކުންފުންޏާ ގުޅިގެން ތެލުގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ލިބޭ ފައިސާ ލޯންޑާކުރާ ކަމަށް ބުނެ ތުހުމަތުތަކެއް ކުރަމުންދަނީ، ވިލާ ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސިޔާސީ ގޮތުން ކުރައްވާ މަސައްކަތުގެ އަގުވައްޓާލަން ކަމަށް ވިލާ ކުންފުނިން ބުނެފިއެވެ.
ރާއްޖޭގައި ހިންގާ އޮންލައިން ނޫހަކުން ވިލާ އާއި އެސްޓީއޯ ގުޅިގެން މަނީ ލޯންޑާކުރަމުންދާ ކަމަށް ތުހުމަތުކޮށް، ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯއިން ތެޔޮ ގަންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ އެގްރިމެންޓް ބާތިލުކޮށް، އެއަށްވުރެ ބޮޑު އަގުގައި އެސްޓީއޯއިން އެހެން ކުންފުންޏެއް މެދުވެރިކޮށް ތެޔޮ ގަންނަ ކަމަށެވެ.
އެ މުއާމަލާތުން ލިބޭ ކޮމިޝަން ވިލާ މެދުވެރިކޮށް ބައެއް މީހުންނަށް ދޭ ކަމަށާއި މިފަހުން ވިލާއިން ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަނީވެސް މަނީ ލޯންޑަރިން ކުރަންކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ވިލާ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިޔާސީ ދާއިރާގައި ގާސިމު ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އަގު ވައްޓާލަން މީޑިއާތަކުން ފަތުރާ ދޮގު ވާހަކަތައް ހުއްޓާލުމަށް އެދޭ ކަމަށާއި ވިލާ ގްރޫޕުގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރަން ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
މީގެ 35 އަހަރުކުރިން ވެސް ވިލާގެ ޗެއާމަން ގާސިމު ތެލުގެ ވިޔަފާރިތައް ކުރައްވާ ކަމަށާއި ވިލާއިން ރިސޯޓު ވިޔަފާރީގެ ތެރެއަށް ވަނުމުގެ ކުރިން ތެލާއި ސިމެންތި އާއި ކޮންސްޓަކްޝަން ސާމާނާއި އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ވިއްކަމުން އަންނަ ކަމަށެވެ. އަދި ވިލާއިން އަބަދުވެސް ވިޔަފާރިކުރަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ވިލާއިން އިތުރަށް ބުނީ، ބައިނަލްއަގުވާމީ ވިޔަފާރި މުއާމަލާތްތަކުގައި ވިލާ ގުރޫޕުގެ ކުންފުނިތަކުން ކުރާ ފައިސާގެ ހުރިހާ މުއާމަލާތްތަކަކީ ބޭންކިން ސިސްޓަމުގެ ތެރެއިން ގަވާއިދުން ކުރަމުން އަންނަ މުއާމަލާތްތަކެއް ކަމަށްވުމުން ސިއްރުން ކަމެއް ނުކުރެވޭނެ ކަމަށާއި މުއާމާލަތްތަކާ ބެހޭ ހުރިހާ މައުލޫމާތެއް ކަމާބެހޭ އިދާރާތަކުގައި ހުންނާނެ ކަމަށެވެ.