ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ޕީޖީ އޮފީހުން އިއްޔެ ދައުވާ އުފުލުމާއެކު ރައްދުގައި އެ ނިންމުމަކީ ޒާތީ ނިންމުމެއްކަމަށް ވިދާޅުވެ މިނިސްޓަރު މަހުލޫފު ލީކުކޮށްލި ޗެޓްލޮގްތަކަކާ ގުޅޭގޮތުން ޖަވާބުދެއްވޭނީ ރަސްމީ ގަޑީގައި ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ކުރައްވާފައިވާ މެސެޖުތަކެއްގެ ސްކްރީން ޝޮޓްތަކެއް ލީކުކުރައްވައި މަހުލޫފު ޓުވީޓުކުރައްވާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލުމުންނެވެ.
މަހުލޫފު ޓުވީޓުކުރައްވާފައިވަނީ ޔޫތު މިނިސްޓަރުގެ ޕީއޭ އަޒްމޫން އަހުމަދާއި ޕީޖީ ހުސެއިން ޝަމީމްގެ ޗެޓްލޮގްގެ ފޮޓޯތަކެކެވެ. އެ ޗެޓްލޮގްގައި "ބޭކާރު ގޮތުގައި ފުއްޕީމަ ވާ ގޮތް މީ, ޕޮލިސް ވެސް ނޯ ސިންޕަތީ ނައު," ޝަމީމް ކުރެއްވި ކަމަށް ބުނާ މެސެޖެއްގައިވެއެވެ.
އެކަމާ ގުޅިގެން "ވަން" އިން ޕީޖީ ޝަމީމަށް މިއަދު ގުޅުމުން ވިދާޅުވީ އެކަމާ ގުޅޭގޮތުން ޖަވާބެއް ދެވޭނީ ރަސްމީ ގަޑީގައި ކަމަށާއި "ވީކެންޑް" ގައި ތިކަމާ ގުޅޭގޮތުން ޖަވާބެއް އެރުވެން ނެތް ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ގުޅުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ޝަމީމްގެ ސްކްރީންޝޮޓްތަކާއެކު ކުރެއްވި ޓުވީޓުގައި މަހުލޫފު ވިދާޅުވީ, ދައުވާ ކުރަން ނިންމި ނިންމުމަކީ ކަނޑައެޅިގެން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން އަޒްމޫނާއި ޝަމީމުގެ ޗެޓްލޮގުން އެކަނި ވެސް ހާމަވާ ކަމަށެވެ.
"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރެއްގެ މައްޗަށް،" މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ ދައުވާ އުފުލި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށާއި ކޯޓުގައި ހަގީގަތް ސާފުވާނެ ކަމަށެވެ.
ޕީޖީ އޮފީހުން އިއްޔެ ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުންނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން، މަހުލޫފަށް ފައިސާދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފުގެ މައްޗަށް އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނީ މަހުލޫފުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އޭސީސީން ބުނި ގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.
ނަމަވެސް މަހުލޫފު މައްސަލައިގެ ވެސް ބައެއް ކަންކަން ރަނގަޅުކުރަން ޕީޖީ އޮފީހުން އޭސީސީއަށް އެންގިއެވެ.
އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހުލޫފު މަގާމުން ސަސްޕެންޑުކުރެއްވިއެވެ. ނަމަވެސް ހަތަރު މަސް ދުވަހަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު