ޚަބަރު

ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ 73 ޕަސަންޓް މަސައްކަތް ނިންމާލައިފި

އަލީ ޔާމިން

ބ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 73 ޕަސަންޓް މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޑަބްލިޔުއެސްސީން ބުނީ، އެ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް ނިންމާލައިފައިވާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ގޮއިދޫގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ދިހަ ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި ގޭގޭއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިންމާލައިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އަށް ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ނިންމާލައިފައިވާ އިރު، ސީ އައުޓްފޯލް ގާއިމުކުރުމާއި ޕަންޕިން ލައިން އެޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ 46,304,686.85 (46.3 މިލިއަން) ރުފިޔާގެ މަޝްރޫއެކެވެ.