ސައިކަލް ރޯކޮށްލުމާ ގުޅިގެން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތީ ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް އަމިއްލައަަށް އެދިގެން އެހެން ރަށަކަށް ބަދަލުކޮށްފި އެވެ.
ބާރަށު ސްކޫލް ޕްރިންސިޕަލްގެ ސައިކަލުގައި ބަޔަކު ރޯކޮށްލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 ހާއިރު އެވެ. ސައިކަލްގައި ރޯކޮށްލާފައިވަނީ ޕްރިންސިޕަލް ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ޕާކު ކޮށްފައި ހުއްޓަ އެވެ.
މިހާދިސާގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު އެ ގެއަށްވެސް ވަނީ ގެއްލުންވެފަ އެވެ.
ބާރަށު ކައުންސިލް ރައިސް ސޮފްއަތު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެރަށު ސްކޫލުގައި މަސައްކަތް ކުރަމުން ދިޔަ ޕްރިންސިޕަލް އަމްޖަދު ހުސައިން ށ އަތޮޅުގެ ރަށަކަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.
ސޮފްއަތު ވިދާޅުވީ އަމްޖަދު އަކީ ނ. ވެލިދުއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ ޕްރިންސިޕަލް ކަމާ ހަވާލުވީއްސުރެން ބާރަށު ސްކޫލުގެ ކިޔެވުމާއި ކަންކަން ހަރުދަނާ ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ބަޔަކު ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރަށް އަމްޖަދު އެރަށުން އިއްޔެ އެހެން ރަށަކަށް ބަދަލުވެފައިވާ ކަމަށެވެ.
"އެއީ ވަރަށް ރަނގަޅު މީހެއް. އަމްޖަދު ޕްރިންސިޕަލް ކަމާ ހަވާލުވުމަށްފަހު ވަރަށް ރަނގަޅަށް ސްކޫލުގެ ކަންކަން ކުރިއަށް ދިޔައީ. ކުދީންގެ ކިޔެވުމަށްވެސް ހެޔޮ ބަދަލުތަކެއް އަންނަމުން ދިޔައީ. ވަރަށް ބޮޑު ދެރައެއް މި ލިބުނީ މުޅި ރަށަށް." އޭނާ ވިދާޅުވި އެވެ.
ސޮފްއަތު ވިދާޅުވީ އަމްޖަދުގެ ސައިކަލްގައި ރޯކޮށްލި ބަޔަކު އަދިވެސް ހޯދިފައި ނުވާ ކަމަށާއި މީގެ ކުރިން އޭނާ އަށް އެއްވެސް އިންޒާރެއް އައިސްފައި ނުވާ ކަމަށް އަމްޖަދު ބުނި ކަމަށެވެ.
ބާރަށުގައި އަމްޖަދު ދިރިއުޅެމުންދިޔައީ އަނބިމީހާ އާއި ތިން ދަރިންނާ ވެސް އެކު އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މައްސަލައިގައި އަދި މިހަކު ހައްހަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ ބާރަށު ސްކޫލްގެ ޕްރިންސިޕަލް އަމިއްލަޔަށް އެދިގެން އެހެން ރަށަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އަމްޖަދުގެ ބަހެއް ހޯދާލުމަށް "ވަން" އިން ގުޅާލުމުން ފޯނަށް ޖަވާބު ދީފައިނުވާތީ އޭނާގެ ބަހެއް ނުލިބުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު