އާކްޓިކް ކަނޑު ގަނޑުވެ މުދާ އުފުލާ ބޯޓުތަކެއް ތާށިވެއްޖެއެވެ.
'ރިޕޯޓުތައް ބުނާ 18 އަށްވުރެ ގިނަ ބޯޓު ވަނީ ތާށި ވެފަ އެވެ.
ރަޝިއާ ކައިރީ އޮންނަ އާކްޓިކް ކަނޑުގެ ލޮނުގަނޑު ގަނޑުވާން ފަށާފައިވަނީ އެގޮތަށް ލަފާ ކުރެވިފައި ވަނިކޮށެއް ނޫނެވެ. ނޯވޭގެ ހަބަރު ފަތުރާ މީީޑިއާ ބެރެންޓްސް ސީ އޮބްޒާވާ އިން އާއްމުކޮށްފައިވާ ގޮތުގައި ލެޕްޓެވް އަދި ސައިބީރިއާ ކަނޑުގެ ބޮޮޑު ސަރަހައްދައި ވަނީ 30 ސެންޓިމީޓަރުގެ ބޯ މިނަށް ގަނޑު އުފެދިފައެވެ.
ފަހަކަށް އައިސް ދުނިޔެ ހޫނުވުމުގެ ސަބަބުން މިފަދަ އުޅަނދު ފަހަރަށް ނޮވެމްބަރުމަހުގެ ތެރޭގައި އެ ސަރަހައްދުގައި އެއްވެސް އުނދަގުލަކާ ނުލައި ރަޝިއާގެ އުތުރުން ކަނޑު ދަތުރުކުރުމުގެ މަގު އޮންނަނީ ފަހިވެފައެވެ. އަދި ޝިޕިން ކުންފުނިތަކުން ރަޝިއާގެ މޫސުމާބެހޭ އިދާރާއާ ހަވާލާދީ މިގޮތަށް ކުރިމަތިވެދާނެ ކަމަށް އަންދާޒާ ކޮށްފައި ނެތުމާއެކު އެ ސަރަހައްދުގައި ދިޔައީ ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުތައް ދަތުރުކުރަމުންނެވެ.
ބޯޓުތައް އޮޕަރޭޓް ކުރާ ކުންފުނިތަކުން ބުނާގޮތުގައި މޫޫސުމާ ގުޅޭ ފުރިހަމަ ސައްހަ މައުލޫމާތު ހިއްސާކޮށްފައި ނެތުމާއެކު މިކަމުގެ ޒިންމާ ރަޝިއާގެ މޫސުމާ ބެހޭ އިދާރާއިން ނަގަން ޖެހޭނެއެވެ.
ނަމަވެސް މިދިޔަ އޮކްޓޫބަރު މަހަށް ބަލާއިރު އެ ސަރަހައްދުގައި ފިނިހޫނު މިން ހުރީ އާއްމުކޮށް ހުންނަ މިންވަރަށްވުރެ 4 ސެލްސިއަސް މަތިކޮށް ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
އާކްޓިކް ކަނޑުގެ ލޮނުގަނޑު ގަނޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި ތާށި ވެފައިވާ އުޅަނދުތަކަށް ދަތުރު ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް ދެ ތެޔޮ ޓޭންކަރާއި ކާގޯ ބޯޓު ހިމެނޭ ދެ އައިސް ބްރޭކަރު މޮސްކޯއިން މިހާރު ވަނީ އެ ދިމާލަށް މިސްރާބު ޖަހާފައެވެ. ރަޝިއާ ސަރުކާރުން ބުނާގޮތުގައި އަންނަ މަސް ފެށެންވާއިރަށް މި ބޯޓުތަކަށް ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދެވޭނެ ކަމަށް އުއްމީދުކުރެވެއެވެ.