ޚަބަރު

ދައުވާ އުފުލީ ޒާތީވެގެން، އިސްތިއުފާ ނުދޭނަން: މަހްލޫފް

އަލީ ޔާމިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ‎މޯލްޑިވްސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުންނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން، މަހްލޫފަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުވާ ކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.

އެކަމާ ގުޅިގެން މަހްލޫފް ވަނީ ޔޫތު މިނިސްޓަރުގެ ޕީއޭ އަޒްމޫން އަހުމަދު އާއި ޕީޖީ ހުސެއިން ޝަމީމްގެ ޗެޓްލޮގްގެ ފޮޓޯތަކެއް ޓުވީޓް ކުރައްވައިފައެވެ. ޓްވީޓްގައި މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ އުފުލުމަކީ ޕީޖީ ހުސެއިން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއް ކަމަށެވެ.

"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރެއްގެ މައްޗަށް" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ދައުވާ އުފުލި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށާއި ކޯޓުގައި ހަގީގަތް ސާފުވާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހްލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އޭސީސީން ބުނި ގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.

ނަމަވެސް މަހުލޫފު މައްސަލައިގެ ވެސް ބައެއް ކަންކަން ރަނގަޅުކުރަން ޕީޖީ އޮފީހުން އޭސީސީއަށް އެންގިއެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހުލޫފު މަގާމުން ސަސްޕެންޑުކުރެއްވިއެވެ.

ނަމަވެސް ހަތަރު މަސް ދުވަހަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ދައުވާއުފުލިޔަސް ޔޫތު މިނިސްޓަރުކަމުން އިސްތިއުފާ ނުދޭނެ ކަމަށް މަހުލޫފު ވިދާޅުވިއިރު، މީގެ ކުރިން އޭނާ ވަނީ ދައުވާ އުފުލާ ހިސާބުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެފައެވެ.