ޚަބަރު

މަޝްރޫއުތައް ލަސްވެ ގެއްލުންވަމުންދާތީ ދެ ކުންފުންޏެއް ސަސްޕެންޑުކޮށްފި

މުހައްމަދު އިޝާން

މަޝްރޫއުތަށް ލަސްވެ ގެއްލުންވަމުންދާތީ، މާލިއްޔަތު ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ދެ ކުންފުންޏެއް ސަސްޕެންޑުކޮށްފިއެވެ.

ސަސްޕެންޑު ކުރި ދެ ކުންފުންޏަކީ އެލްއެފް ކޮންސްޓްރަކްޝަނާއި ސަޕްލަޔަރެއް ކަމަށްވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްސް އެވެ. މާލިއްޔަތު ގަވާއިދު ބުނާ ގޮތުން ނަމަ ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަން ޖެހެ އެވެ. ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ކުންފުނިތައް ސަސްޕެންޑް ކުރެވޭނެ ހާލަތްތައް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ބުނެފަައިވަނީ، ށ. ފޯކައިދޫގެ ކޮމިއުނިޓީ ސެންޓަރު އަޅަން ހަވާލުކުރި އެލްއެފް ކޮންސްޓްރަކްޝަން ސަސްޕެންޑް ކުރީ އަންނަ އަހަރުގެ ނޮވެމްބަރު 22 އާ ހަމައަށެވެ. އއ. ބޮޑުފުޅަދު އާއި މަތިވެރި އަދި މާޅޮހަށް ވޭސްޓް މެނޭޖްމެންޓް މެޝިނަރީޒް ފޯރުކޮށްދޭން ހަވާލު ކުރި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ސަސްޕެންޑް ކުރީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. އެ ދެ ކުންފުނީގެ ސަސްޕެންޝަން ނުނިމެނީސް އެ ކުންފުނިތަކާ ދައުލަތުގެ އެހެން އެއްވެސް މަޝްރޫއެއް ހަވާލެއް ނުކުރެވޭނެ އެވެ.

ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅާނީ ބީލަމުގެ މައްސަލަތައް ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީ، ޓެންޑާ އިވެލުއޭޝަން ބޯޑުންނެވެ. ފިޔަވަޅު އެޅޭނީ ކުންފުންޏާ ދެކޮޅަށް ބަލާ މައްސަލައިގައި، ދިފާއު ވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީ ވާން ފުރުސަތު ދިނުމަށް ފަހު، ތަހުގީގު ކޮށް ނިމޭއިރު މައްސަލަ ސާބިތު ވާ ނަމައެވެ.

ދެ ކުންފުންޏެއް ސަސްޕެންޑުކޮށްފަައި މިވަނީ މާލިއްޔަތު ގަވާއިދާ ހިލާފުވާ ކުންފުނިތަކުގެ މައުލޫމާތު ކޮމިޓީއަށް ހުށަހަޅަން އެދިވަޑައިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސާކިއުލާއެއް މިމަހު ނެރުއްވާފައިވަނިކޮށެވެ.