ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް މަސްލަހަތު އޮތްކަން ހާމަ ނުކުރައްވައި އަމިއްލަ ވިޔަފާރިއެއް ކުރަމުންދާތީ ލ. މާވަށު މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓު އިސްމާއީލް މާހިރުގެ ސްލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގު ކުރަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ މެޖިސްޓްރޭޓު މާހިރު އަމިއްލަ ވިޔަފާރިއެއް ކުރަމުންދާ މައްސަލައެއް ތަހުގީގުކުރަން ނިންމީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި 86 ވަނަ ޖަލްސާގައި ކަމަށެވެ. އަދި މިހާރު މާހިރުގެ މައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއް ވެސް އެކުލަވާލައިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ޖޭއެސްސީން ނުދެއެވެ.

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބުއަށް ޖޭއެސްސީން އިއްޔެ ވަނީ ފިޔަވަޅު އަޅައިފައެވެ. އެއީ ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމް ކުރުމުގައި ފަރުވާ ކުޑަކޮށްފައި ވާކަން ސާބިތުވެފައިވާތީއެވެ. ޖޭއެސްސީން އަދީބުއަށް އެޅި ފިޔަވަޅަކީ، ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށާއި އަދި ނަސޭހަތް ދިނުމަށެވެ.

މީގެ އިތުރުން ފ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްލަތީފް ހަމީދުގެ މައްސަލަ ސާބިތު ނުވާ ކަމަށް ވެސް ޖޭއެސްސީން އިއްޔެ ވަނީ ބުނެފައެވެ.