ޚަބަރު

މިފްކޯއަށް ލިބޭ ރީނދޫ އުރަހަ ކަންނެލީ ސްޓޮކް ދަނީ މަދުވަމުން: ފައުޒީ

އަލީ ޔާމިން

ރީނދޫ އުރަހަ ކަންނެލި (ޔެލޯ ފިން ޓޫނާ)ގެ ސްޓޮކް މަދުވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ފައުޒީ ރޭ ވިދާޅުވީ، މިފްކޯއަށް ލިބޭ ރީނދޫ އުރަހަ ކަންނެލީގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

"ކަޅުބިލަމަހުގެ ސްޓޮކްގައި އިޝޫއެއް އެބަ އުޅޭ، އެނަލިސްޓުން ކޮށްފައި އެބަ ވިދާޅުވޭ އިންޑިއަން އޯޝަންގައި ޔެލޯފިން ޓޫނާ ޑިކްލައިންވަމުން އަންނަ ވާހަކަ. އަޅުގަނޑުމެންނަށް އެކަން އިހުސާސް އެބަ ކުރެވޭ، އަޅުގަނޑުމެންނަށް ލިބޭ ޔެލޯފިން ޓޫނާވެސް އެބަ މަދުވޭ، މިހާރު ލައިންގައި ގަންނަ މަސްވެސް ހާއްސަކޮށް މިދިޔަ އޭޕްރީލުން ފެށިގެން ވަރަށް ބޮޑުތަން ދަށްކޮށް މި ފެންނަނީ." ފައުޒީ ވިދާޅުވިއެވެ.

ރީނދޫ އުރަހަ ކަންނެލި މަދުވާކަމަށް ދިރާސާތަކުން ދެއްކި ނަމަވެސް މިދިޔަ ތިން އަހަރުގެ ތެރޭގައި މިފްކޯއަށް ކިރާފައިވާ ކަންނެލީގެ ޖުމްލަ އަދަދަށް ބަލާއިރު އެކަން ފާހަގަ ނުވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، ކޮންމެ ބާވަތެއްގެ މަހަކީވެސް އޭގެ ސްޓޮކެއް ހުންނަން ޖެހޭ ބާވަތެއް ކަމަށާއި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްވެސް ރަނގަޅު ގޮތުގައި ބެލެހެއްޓިއްޖެ ނަމަ ރާއްޖޭގެ މަސްވެރިންނަށް އެކަށީގެންވާ ވަރަށް އެބާވަތުގެ ކަންނެލި ލިބޭނެ ކަމަށެވެ.

ފައުޒީ އިތުރަށް ވިދާޅުވީ، މިފްކޯގެ ކެޕޭސިޓީ އިތުރުވުމުން މަސްވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި މި ޖީލުގެ ދޯނިފަހަރުތައް ތައާރަފު ވުމުން، މަސްވެރިންނަށް މަސް ބޭނުމުގައި ބޮޑެލި ލުއިތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް 40 ދޯނި ބަނުމުގެ މަރުހަލާގައި އޮތް ކަމަށް ވިދާޅުވިއެވެ.