ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބު ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ނަސޭހަތްދީ، ތަމްރީނެއް ފުރިހަމަކުރަން އަންގަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ފެމިލީ ކޯޓުގެ ގާޒީ އަބުދުﷲ އަދީބުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ޖޭއެސްސީން މިއަދު ބުނީ ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމް ކުރުމުގައި މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ އަދީބު ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. އަދި މި އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.4 އަދި 6.5 އާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.
އެހެންވެ ޖޭއެސްސީގެ ގާނޫނުގެ ދަށުން އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 86 ވަނަ ބައްދަލުވުމުގައެވެ.