ބޭންކް އޮފް މޯލްޑިވްސް އިން އދ. ދަނގެތީގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ ދަނގެތީގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން ދަނގެތީގެ ރައްޔިތުންނާއި ވިޔަފާރިތަކާއި އިގުތިސޯދަށް އެހީތެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ބޭންކުން މިހާރުވެސް އދ. އަތޮޅުގެ ހަތަރު ރަށެއްގައި، ދަނގެތި، ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި އޭޓީއެމް ސެންޓާ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް މިދަނީ ފޯރުކޮށްދެމުން،" ޓިމް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 74 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 135 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.