މާލޭ ސިޓީ ކައުންސިލުން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް، ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީން ބައިތިއްބާފައި ތިބި ދެ ގޮޅިއެއް ބަންދުކޮށް ޖޫރިމަނާކޮށްފިއެވެ.
ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހުވެސް މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ގަވައިދާ ހިލާފަށް ބިދޭސީން ބައިތިއްބާފައި ތިބި ދެ ގޮޅިއެއް އިއްޔެ ބަންދުކޮށް 2000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމުގައިވެސް ބިދޭސީން ނުބޭތިއްބޭނެ ކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ގާތްގަނޑަކަށް 50 ހަކަށް ގޮޅީގައި ގަވައިދާ ހިލާފަށް ބިދޭސީން ތިބި ކަމަށް ކައުންސިލުން ބުންޏެވެ. މި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތް ދީފައި ވާނެ ކަމަށާއި ގަވައިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން އިއްޔެ ފަށާފައިވާއިރު، މިހާތަނަށް 2 ގޮޅިއެއް ޖޫރިމަނާ ކުރި ނަމަވެސް ދެން ކޮންމެ ދުވަހަކުވެސް ބަލަން ޖެހޭ ކަންތައްތައް ބަލައި ބާކީ ތިބި ފަރާތްތައް ޖޫރިމަނާ ކޮށް، ހުއްދަ ބާތިލުކުރާނެ ކަމަށްވެސް ބުންޏެވެ. .
ސިޓީ ކައުންސިލުން ބުނީ ދެން ހުއްދަ ދޭނީ ޖޫރިމަނާ ދެއްކުމަށް ފަހު އެގްރީމެންޓާ އެއްގޮތަށް އަމަލު ކުރަން ފެށުމުން ކަމަށެވެ.