މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ހިންގާ ރިހިބިލިޓޭޝަން ކޯސްތައް ފުޅާކުރަން މާފުށި ޖަލުގައި ހަތަރު މިލިއަން ރުފިޔާގެ އިމާރާތެއް ކުރަން އެލަވަރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ބުނެފިއެވެ.

ގައިދީންނަށް ހިންގާ ރިހިބިލިޓޭޝަން ކޯސް ހިންގާ އިމާރަތް މަސައްކަތް ހަވާލުކުރާތާ 174 ދުވަސްތެރޭ ނިންމަން ޖެހޭނެ ކަމަށް ކަރެކްޝަނުން ބުންޏެވެ. އެ މަސައްކަތުގެ އަގަކީ 4.7 މިލިއަން ރުފިޔާއެވެ. މި އިމާރަތަކީ މިހާރު ވެސް ކަރެކްޝަނުން ގައިދީންނަށް އަމާޒުކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމްތަކާއި ކޯސްތައް އިތުރުކުރުމުގެ އަމާޒުކޮށް ކުރާ އިމާރާތެއް ކަމަށް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަނުން ގައިދީންނަށް ހާއްސަ ކޮށްގެން ހިންގާ ރިހިބިލިޓޭޝަން ކޯސްތަކުގެ ތެރޭގައި ފެހުމުގެ ކޯސްތައް، ކޮމްޕިއުޓަރު އެޕްލިކޭޝަން ކޯސް، ގާރީކަމުގެ ކޯސް، ވަޔަރިން އަދި އިލެކްޓްރިކަލް މަސައްކަތްތަކުގެ ކޯސް، އެގްރިކަލްޗާ ކޯސްތައް އަދި އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުތަކަށް ތައްޔާރުކުރާ ކޯސް ހިމެނެއެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެންމެ ގިނަ އަދަދެއްގެ ގައިދީން ބަންދުކޮށްފައި ވަނީ މާފުށި ޖަލުގައި ކަމަށް ވުމުން އެ ޖަލަށް ހާއްސަކޮށްގެން ހިންގާ ކޯސްތައް އިތުރުކުރަން ޖެހޭ ކަމަށެވެ. ޕްރޮގްރާމްތައް އިތުރު ކުރެވެން ހުރީ އާ އިމާރާތެއް ކޮށްގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ކުށްތަކެއްގައި ބަންދުކޮށްފައިވާ ބަޔަކު ރިހިބިލިޓޭޓް ކުރުމަށް ކުރާ އިމާރާތެއް ކަން މީޑިއާ އޮފިޝަލު ވިދާޅެއް ނުވެއެވެ.

މިފަހުން ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުން ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމް މިއަހަރު ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ނުފެށި މިހާ ހިސާބަށް ދިގުދެމިގެން އައީ ކޮވިޑުގެ ސަބަބުން ކަމަށެވެ.

ހިންމަފުށީ ޖަލުގައި ވެސް ގައިދީން ރިހިބިލިޓޭޓް ކުރުމަށް އިމާރާތެއް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ 80 ޕަސަންޓު މިހާރު ވަނީ ނިމިފައެވެ. މާފުށި ޖަލުގައި ވެސް ހަދަނީ ހިންމަފުށީގައި ހަދަމުން އަންނަ ކަހަލަ އިމާރާތެކެވެ.