ކުރިން އޮތްގޮތަށް 24 ގަޑިއިރު ޕާސްޕޯޓަށް އެދެވޭނެ އިންތިޒާމު މިއަދު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވަސް އިމިގްރޭޝަނުން ބުނެފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އެޕްރީލްމަހު އިމިގްރޭޝަނުން ވަނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ގޮތް ހަދައިފައެވެ. އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ޕާސްޕޯޓަށް އެދެވެ އެވެ.

އޭރު އިމިގްރޭޝަނުން ވަނީ އޮންލައިންކޮށް ފައިސާ ދައްކާނެ އިންތިޒާމު ވެސް ހަމައްޖައްސައިފައެވެ. އެހެންކަމުން އިމިގްރޭޝަނަށް ދާން ޖެހޭނީ ޕާސްޕޯޓު ހޯދުމަށް އެކަންޏެވެ. ނަމަވެސް އޮންލައިންކޮށް ފައިސާ ދައްކާ ޕޯޓަލް އާއި ޕާސްޕޯޓަށް އެދި ހުށަހަޅާ ޕޯޓަލްގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރާތީ އޮންލައިން ހިދުމަތް ވަނީ މީގެ މަހެއްހާ ދުވަސްކުރިން މެދުކަނޑާލައިފައެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް، އިމުގާ ޕޯޓަލްއަށް ގެންނަން ފެށުނު އަޕްޑޭޓް މިހާރު ނިމިފައިވުމާ ގުޅިގެން އޮންލައިންކޮށް 24 ގަޑިއިރުގެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ޕާސްޕޯޓަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަންތައް ޕްރޮސެސް ކުރާނެ ކަމަށެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، ޕާސްޕޯޓު ދޫކުރަނީ ފައިސާ ދައްކާތާ މަސައްކަތު 24 ގަޑިއިރު ތެރޭގައި ކަމަށެވެ. ޕާސްޕޯޓު ބަލައި ދާން ޖެހެނީ އެޕޮއިންޓުމެންޓު ދޫކޮށްފައިވާ ގަޑިއަކަށެވެ.