ބޮލީވުޑް އަދި ހޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އިއްޔެ އޭނާގެ އިންސްޓަގްރާމް ބަޔޯގައި ނަމުން ބައެއް އުނިކުރުމުން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އަކީ ޕްރިޔަންކާ އަދި ނިކް ޖޯނާސް މައްސަލަ ޖެހި ވަރިވާން އުޅޭ ކަމުގެ ވާހަކަތަކެވެ.
މި ވާހަކަތަކާ މެދު ޕްރިޔަންކާ އަދި ނިކްގެ ފަރާތުން އެއްޗެއް ބުނެފައި ނުވުމުން ދެމީހުންނާ މެދު ތަފާތު ވާހަކަތައް މީސް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ. ނަމަވެސް މި ދެމަފިރިންގެ ދިފާއުގައި ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ވާހަކަ ދައްކައިފިއެވެ. މަދޫ ބުނިގޮތުގައި ޕްރިޔަންކާ އަދި ނިކްގެ މެދުގައި މައްސަލައެއް ނޫޅެއެވެ. އަދި އެއީ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމަށާއި ދޮގު ވާހަކަތައް ނުފެތުރުމަށް މަދޫ ވަނީ އެދިފައެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމުގައި އޭނާގެ ނަމަށް ގެނައި ބަދަލުގައި އުނިކޮށްފައިވަނީ ޖޯނާސް ގެ ނަން އެކަންޏެއް ނޫނެވެ. ޖޯނާސްގެ ކުރިއަށް އާއިލާގެ ނަން "ޗޯޕްރާ" ވެސް ވަނީ ނަމުން އުނި ކޮށްފައެވެ. ކޮންމެއަކަސް ނަމަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން މުޅި މީޑިއާ ވަނީ ތަފާތު ވާހަކަތަކުން ކެކި އުތުރި އަރައިފައެވެ.
ޕްރިޔަންކާ އަދި ނިކް ޖޯނާސް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. ޕްރިޔަންކާ އަންނަނީ އަބަދުވެސް ދެމީހުންގެ ލޯބި މެސެޖުތަކާއި ވީޑިއޯތައް އޭނާގެ އިންސްޓަގްރާމު އެކައުންޓުގައި ހިއްސާކުރަމުންނެވެ. އެގޮތުން މިފަހުން އޭނާ ވަނީ ދެމަފިރިން ލޮސް އެންޖެލިސްގައި ދިވާލީ ފާހަގަކޮށް ނަގާފައިވާ ފޮޓޯތައް ވެސް ހިމަނައިފައެވެ.
މީގެ ކުޑަދުވަސްކޮޅެއް ކުރިން ވޯގް މެގަޒިނަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ އޭނާއަށް މިހާތަނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ ނިކް އޭނާއަށް ހަދިޔާކުރި އެންގޭޖުމަންޓު އަނގޮޓި ކަމަށެވެ.
ކޮންމެއަކަސް ޕްރިޔަންކާ ބުނެދޭން އުޅެނީ ކޮން ވާހަކައެއް ކަމާމެދު ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ނޫޅޭ ކަމާއި އެ ގުޅުން ނުކެނޑޭކަން ޔަގީީންކޮށްދިނުމަށް އޭނާގެ ފޭނުން ތިބީ އެދި އެދިއެވެ.
ޕްރިޔަންކާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެނިގެންދާނީ ހޮލީވުޑް ފިލްމު ''ދަ މެޓްރިކްސް: ރިސަރެކްޝަންސް'' އިންނެވެ. މެޓްރިކްސް ސީރީސްގެ ދަށުން ރިލީސްކުރާ ހަތަރުވަނަ ފިލްމުގެ ވޯލްޑްވައިޑް ޕްރިމިއާ މިއަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ބޭއްވުމަށްފަހު އެމެރިކާގެ ތިއޭޓަރުތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ.
ޔަހްޔާ އަބްދުލް މަތީން-2، ޖެސިކާ ހެންވިކް، ޖޮނަތަން ގްރޯފް، ނީލް ޕެޓްރިކް ހެރިސް، ކްރިސްޓީނާ ރިޗީ އަދި ޕްރިޔަންކާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން