ބ. އަތޮޅުގެ ރަށެއްގައި ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއާއެކު އެރަށުން ފިލަން އުޅެނިކޮށް ރަށުގެ ރައްޔިތުން ނުކުމެ އެ ދެ ކުދީން ހުއްޓުވައިފިއެވެ.
ރަށުގެ މީހަކު މިރޭ "ވަން" އަށް ބުނީ އެ ދެ ކުދިންނަކީ އެރަށުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދެ ކުދިން ކަމަށާއި އެ ދެ ކުދިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. އަދި މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން އެ އަންހެން ކުއްޖާ ގެއްލިފައިވާ ކަމަށެވެ.
އޭނާ ބުނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި އެ އަންހެން ކުއްޖާ ގެއްލިގެން އާއިލާއިން ހޯދަން ފަށާފައިވާ ކަމަށާއި އަދި އެ އަންހެން ކުއްޖާގެ ހަބަރެއް ނުވުމުން، ރައްޔިތުން ނުކުމެ އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.
އެގޮތުން އެ ދެކުދިން ފެނިފައިވަނީ އެރަށުގައި މީހުން ދިރި ނޫޅޭ ސަރަހައްދެއްގެ ވަލުތެރެއިން ކަމަށެވެ. އަދި އެ ސަރަހައްދުގައި އެކުދިން ބަލައި އައިސްފައިވާ ލޯންޗެއް އޮތް ކަމަށާއި އެ ދެ ކުދީން މަސައްކަތް ކުރީ އާއިލާއާ ވަގަށް އެހެން ރަށަކަށް ދިއުމަށް ކަމަށްވެސް އޭނާ ބުންޏެވެ.
"އެ ފިރިހެން ކުއްޖާއާ އާއިލާއިން ގަބޫލެއް ނޫން. މީގެ ކުރިންވެސް އެ އަންހެން ކުއްޖާ ގެއްލުނު. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ. މިރޭ އުޅުނީ އައިލާއާ ވަގަށް އެ ފިރިހެން ކުއްޖާ އުޅޭ ރަށަށް ދާން. އެކުދިން ފެނުނު ސަރަހައްދުގައި އެކުދިން ބަލައި އައިސް އޮތް ލޯންޗެއް އޮތް،" އޭނާ ބުންޏެވެ.
އޭނާ ބުނީ އަންހެން ކުއްޖާގެ ބައްޕަ، އެ ކުއްޖާ ބަލައި ދިއުމުން، އޭނާއަށް ފިރިހެން ކުއްޖާ ވަޅިން ބިރުދެއްކި ކަމަށެވެ. އަދި އަންހެން ކުއްޖާ ބޭނުންނަމަ ފުލުހުން ގެންނަން އޭނާ ބުނި ކަމަށްވެސް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.
ފުލުހުން އައިސް، އެ ފިރިހެން ކުއްޖާ އަތުން ވަޅި އަތުލަން އުޅުމުގެ ތެރޭގައި ފުލުސް އޮފިސަރުގެ އަތް ކަނޑައިގެން ދިޔަ ކަމަށާއި އެވަގުތު އެ ސަރަހައްދުގައި ތިބި ރައްޔިތުން ވަގުތުން އެ ފިރިހެން ކުއްޖާ ހިފެހެއްޓުމަށްފަހު ގެންދިޔަ ކަމަށެވެ. އަދި އެ ފިރިހެން ކުއްޖާ މިހާރު ރަށުން ބާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އަންހެން ކުއްޖާ މިހާރު އެރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ އަންހެން ކުއްޖާއަށް އެއްވެސް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ޖެންޑާ އާއި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.
އެ ފިރިހެން ކުއްޖާއަކީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ ކަމުގެ ތުހުމަތު އޮތް ކުއްޖެއް ކަމަށެވެ. އަދި އޭނާއަކީ އެ އަތޮޅު އެހެން ރަށަކަށް ނިސްބަތްވާ ކުއްޖެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު