ސިޔާސީ މަގާމެއްގައި ހުރި އެއްވެސް މުވައްޒަފަކު ސްޓެލްކޯގައި ނުހުންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މުޣުނީ ރޭ ވިދާޅުވީ، ސްޓެލްކޯގައި ތިބި ސިޔާސީ މީހުންނަކީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ބޯޑު މެންބަރުން ކަމަށާއި އެ ފަރާތްތަކުގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ކުންފުނީގެ ކަންކަން ކުރިއަށް ދޭތޯ ބެލުން ކަމަށެވެ.
މުޣުނީ ވިދާޅުވީ، ސްޓެލްކޯއަކީ ރައްޔިތުންނަށް ހިދުމަތްދޭން އޮތް ކުންފުންޏެއް ކަމަށާއި އެހެންވެ، އެކުންފުނީގައި ސިޔާސީ ގޮތުން ވިސްނުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ.
"ސްޓެލްކޯގެ މުވައްޒަފުންނަށް ބަލާއިރު ސްޓެލްކޯގެ އެއްވެސް މުވައްޒަފަކު ނުހުންނާނެ ސިޔާސީ މަގާމެއްގައި ހުރި މީހަކު. އެހެންކަމުން ސިޔާސީ ގޮތުން ވިސްނުމުގެ ޖާގައެއްވެސް ނެތް، ސިޔާސީ މީހުނެއްވެސް ނެތް މިތާނގައެއް. މަސައްކަތުގައި ސިޔާސީ ގޮތްގޮތަށް ކަންކަން ބެހެއްޓުން އެއީ ދެން އަޅުގަނޑުމެންގެ ކުންފުނީގައި އޮންނާނެ ކަމެއް ނޫން." މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުންނަކީ ކޮން ވިސްނުމެއްގެ ކޮންފިކުރެއްގެ ކޮން ޕާޓީއެއްގެ މީހެއްތޯ ނުބަލާނެ ކަމަށާއި ސްޓެލްކޯއަށް މުހިންމު ވާނީ އެ މުވައްޒަފަކު ކުންފުންޏާ މެދު ދެކޭ ގޮތް ކަމަށެވެ. އަދި ސިޔާސީ ވިސްނުމެއް މުވައްޒަފުންގެ އޮތަސް މަސައްކަތަށް ދަތި ނުވާ ނަމަ އެއީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދައްކާ ވާހަކައެއް އެއީ ސިޔާސީ ކަންކަމޭ ކިޔާފައި މީހުންގެ އަނބުރަށް އަރައި ނުގަނެވޭނެއޭ. އަޅުގަނޑުމެން އުފައްދަން މިއުޅެނީ ރަނގަޅު މުވައްޒަފުންތަކެއް. އަޅުގަނޑުމެންގެ ބޭނުމަކީ މިތަނުގެ ކޮންމެ މުވައްޒަފަކީވެސް މި މުޖުތަމައުގައި އެ ފަރާތްތައް އެހެން އެފަރާތްތަކަށް އިހްތިރާމު ކުރާ ފަރާތްތަކަށްވާން." މުޣުނީ ވިދާޅުވިއެވެ.
މުޣުނީ އިތުރަށް ވިދާޅުވީ، ސްޓެލްކޯ މުވައްޒަފުން ވާން ޖެހޭނީ ރައްޔިތުންނަށާއި އެހެން ކުންފުނިތަކަށް ނަމޫނާ ބަޔަކަށް ކަމަށާއި ކުންފުނީގެ ވެލިއުސްއާ ހިލާފުވާ މުވައްޒަފުންނަށް އެކުންފުނީގައި ފުރުސަތު ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު