ސުޕްރީމް ކޯޓަށް ހާޒިރު ވާން އަންގައި ފޮނުވި ޗިޓުގައިވާ ވަގުތަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން އެ އޮފީސް ޖޫރިމަނާ ކޮށްފިއެވެ.

ޕީޖީގެ ވަކީލުން މިއަދު ހެނދުނު 9:00 ޖަހާއިރަށް ކޯޓަށް ހާޒިރުވާން އަންގައިވަނީ ޗިޓު ފޮނުވައިފައެވެ. އެއީ މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މުހައްމަދު ނަޖާހުގެ ޝަރީއަތަށެވެ. ޕީޖީގެ ވަކީލުން ގަޑިއަށް ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުން އެ ޝަރީއަތް ފެށިފައިވަނީ 9:20ގައެވެ.

އެކަމާ ގުޅިގެން ރިޔަސާތު ބަލަހައްޓަވަން އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ވަގުތަކީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެއް ކަމަށް ވުމުން ވަގުތަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. ކޯޓަކުން ވަކި ގަޑިއަކަށް ހާޒިރު ވާން އަންގާފައި ވާނަމަ އެ ގަޑިއަކަށް ހާޒިރުވާން ޖެހޭނެ ކަމާއި ހާޒިރު ވާން އަންގާ ޗިޓަކީ ވެސް ކޯޓުގެ އަމުރެއް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ކޯޓު އަމުރުތަކަށް ތަބާވުމަކީ ކޮންމެ މީހެއް އަދި ކޮންމެ މުއައްސަސާއެއްގެ މައްޗަށް ވެސް މަޖުބޫރު ކަމެއް ކަމަށާއި، ނަމަވެސް, އޮންލައިން ކޮށް ކުރިއަށް ގެންދާ އަޑުއެހުމުގެ ވަގުތު ޖެހުނުއިރު ވެސް ޕީޖީގެ ވަކީލުން ހާޒިރު ނުވެ, ޗިޓާ ހިލާފުވެފައި ވުމުން އެ އޮފީސް 250 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި އެ ޖޫރިމަނާ ހަތް ދުވަސް ތެރޭ ދައްކަން ޖެހޭނެ ކަމާއި ނުދައްކައިފިނަމަ ޕީޖީގެ ވަކީލުންނަށް މައްސަލައިގެ އަޑުއެހުންތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ޝީރީންގެ މަރުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު އޮތީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.