އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާ އިރު އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްކަން އެންގުމަށް ހުށަހަޅަން ޖެހޭ ލިޔުން ކަމަށްވާ، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށް ނުދިނުމުން ބާތިލު ވެއްޖެ އެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 13 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށް މެންބަރު ނަޝީދު ހުށަހެޅުވި ބިލުގައި ވަނީ، ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި، ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް، ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ވެގެން ނުވާ ކަމަށެވެ.
ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އޮތުމުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެ ލިޔުން ވިއްކަމުން ގެންދާ މައްސަލައަަށް ހައްލެއް ގެނައުމަށް ކަމަށެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާ ކުރުމަށްފަހު، މަޖިލިސް ތަޅުމަށް ފޮނުވާފައި މިވަނީ ދެވަނަ ފަހަރަށެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމުން ބަހުސް ކުރުމަށްފަހު، އިތުރަށް ދިރާސާ ކުރުމަށް ފުރަތަމަ ފަހަރު ކޮމިޓީއަށް ފޮނުވުމުން، ބިލު މަޖިލިސް ތަޅުމަށް ފޮނުވީ ފާސްކުރަން ނިންމުމަށްފަހު އެވެ. ނަމަވެސް އެފަހަރު މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހު، ބިލު ފާސް ނުކޮށް ބިލު އަލުން ކޮމިޓީއަށް ފޮނުވީ އޭޕްރީލްމަހުގެ 29 ވަނަ ދުވަހު އެވެ.
މިފަހަރު ކޮމިޓީން ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވީ، އެއީ ފާސް ކުރަން ނުފެންނަ ބިލެއްގޮތުގައި ކަނޑައެޅުމަށްފަހުގަ އެވެ. ނަމަވެސް، މަޖިލީހަށް ބިލު ހުށަހެޅި މަގުސަދު ހާސިލު ކުރުމަށް މާލޭ ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މައްޗަށް ކަންތައްތަކެއް އިންތިޒާމު ކުރުމަށް ލާޒިމް ކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އޭގެ ތެރޭގައި އުޅަނދުފަހަރު ޕާކު ކުރުމަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އާއްމު ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކާއި، މާލީ ތަކުލީފުތަކަށް ހައްލެއް ލިބޭނެ ގޮތަށް ކަންތައްތައް ހަމަޖެއްސުމާއި ޕާކިން ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭ ގޮތަށް ކަންކަން އިންތިޒާމު ކުރުން ހިމެނެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން، ކޮމިޓީން މަޖިލިސް ތަޅުމަށް ބިލެއް ފޮނުވައިފިނަމަ ފުރަތަމަ ވޯޓަށް އަހާނީ ބިލު ފާސް ކުރުމަށެވެ. އެގޮތަށް ފާސް ނުކޮށްފިނަަމ ދެން ވޯޓަށް އަހާނީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތަށް ފާސްނުކޮށްފި ނަމަވެސް ބިލު ބާތިލް ވާނެއެވެ.
މި ބިލު މަޖިލީހުން ފާސްކުރަން ފެނޭތޯ ވޯޓަށް އެހުމުން ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން އެންމެ މެންބަރެކެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 43 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ފާސްކުރަބް 23 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
އެގޮތަށް ފާސް ނުވުމުން ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ވޯޓަށް އެއްސެވެ. އެވޯޓުގައި ބިލު ކޮމިޓީއަށް ފޮނުވަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. ބިލު ކޮމިޓީއަށް ނުފޮނުވަން 40 މެންބަރުން ވޯޓު ދެއްވިއެވެ.
އެހެންކަމުން ބިލު ބާތިލްވީ ކަމަށް ޖަލްސާގެ ރިޔާސަތުން ނިންމެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު