ދައުލަތުގެ ބަޖެޓު

ބަޖެޓް ރިޕޯޓަށް ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ކޮމިޓީ ރިޕޯޓަށް މަޖިލީހުގައި ބަހުސް ފަށައިފިއެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަލާފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް އިބުތިދާއީ ބަހުސަށްފަހު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ބަޖެޓް ފޮނުވައިލުމުން، އެ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވި ބަޖެޓް ރިޕޯޓުގައި، 36.9 ބިލިޔަން ރުފިޔާގެ ބަޖެޓް 36.99 ބިލިއަން ރުފިޔާއަށް އިތުރު ކުރަން ވަނީ ހުށަހަޅައިފައެވެ. އެއީ ބަޖެޓްގައި ހިމަނާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، ޕީއެސްއައިޕީ އަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރު ކުރަން ކޮމިޓީން ބަޖެޓަށް ގެނައި ބަދަލާ ގުޅިގެންނެވެ.

ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ބަޖެޓް ކޮމިޓީގެ މުގައްިރރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ކޮމިޓީން ބަޖެޓަށް ގެނައި ބަދަލާއެކު ބަޖެޓްގެ ޖުމުލަ ޑެފިސިޓް 9.74 އިން 9.82 ބިލޔަނަށް އިތުރުވެގެންދާނެ ކަމަށެވެ.

ކޮމިޓީން ބަޖެޓަށް ބަދަލުގެނައި ބައިތަކުގެ ތެރޭގައި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް 2.2 މިލިއަން ރުފިޔާ އިތުރު ކުރުމުގެ އިތުރުން އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު އަވަސްކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އޭސީސީގެ ބަޖެޓަށް 3.9 މިލިއަން ރުފިޔާ އިތުރު ކުރުމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލޯ ފާމެއް ހެދުމަށް ބޭނުންވާ 204،000 ރުފިޔާ ހިމެނުމާއި، މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް 73،782 ރުފިޔާ އިތުރުކޮށްދިނުން ހިމެނެއެވެ. އަދި މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަށް ހަތް މިލިއަން ރުފިޔާ އިތުރު ކުރުމާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރުމަށް ފަސް ލައްކަ ރުފިޔާ އިތުރު ކުރުމާއި، ސިވިލް ސާވިސް އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް 1.69 މިލިއަން ރުފިޔާ އިތުރު ކުރުމުގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 865،636 ރުފިޔާ އިތުރު ކުރުން ވެސް ހިމެނެއެވެ.