ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑްރޯ ކުރަން (ފައިސާ ޗާޕް ކުރަން) ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފައިވާ އަދަދު ދަށް ކޮށް، އެ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ ނިޔަލަށް އިތުރުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް މިއަދު ބަހުސް ފަށައިފިއެވެ.
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ އަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރު ދުވަހަށް އިތުރު ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލު ކުރުން އިސްތިސްނާކޮށް އެންމެ ފުރަތަމަ އެކަމަށް އެއް އަހަރު ދުވަހުގެ ހުއްދަ ދޭން މަޖިލީހުން ފާސްކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވި މައްސަލަތަކާ ގުޅިގެން 2020 ވަނަ އަހަރުގަ އެވެ. އެ މުއްދަތު އިތުރު އެއްއަހަރު ދުވަހަށް މަޖިލީހުން އިތުރު ކޮށްދީފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފައިސާ ޗާޕުކުރަން ދީފައިވާ 4.4 ބިލިއަން ރުފިޔާގެ ސީލިންގުން 3.5 ބިލިއަން ރުފިޔާ ޗާޕް ކުރުމަށެވެ. އެ ހުށަހެޅުމުގައި ވަނީ އޯޑީގެ އިންޓްރެސްޓް ރޭޓަކީ 0.1 ޕަސެންޓް ކަމުގައެވެ. ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވީ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ދަންމާލުމަށެވެ.
އޭގެ އިތުރުން މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކުން އޯވާޑްރޯވެފައި ހުރި މިންވަރު ސެކިއުރިޓައިޒް ކޮށް އެމްއެމްއޭއިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒިން ބޮންޑަކަށް ހެދުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.
މި މައްސަލައަށް މަޖިލިސް ތަޅުމުގައި މަޝްވަރާ ކުރުމަށްފަހު، އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާޖެނެރަލްގެ ލަފައެއް ހޯދުމަށްފަހު އެކަމަށް ގޮތެއް ނިނުމަށް އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.
މައްސަލައިގައި ގޮތެއް ނިންމުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރޫ މޫސާ ހުށަހެޅުއްވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ހަމަތަކާއި އުސޫލުތަކަށް އަމަލުކުރުން ފަސްކުރުމުގެ އިސްތިސްނާ މުއްދަތު 31 ޑިސެމްބަރު 2023 އާ ހަމައަށް އިތުރުކުރުމަށެވެ. މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯކުރެވިފައި ހުންނަ މިންވަރު ފައިނޭންޝަލް އިންސްޓުރޫމަންޓަކަށް ބަދަލުކޮށް އެމްއެމްއޭ އިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމަށާއި، އެ ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކު %2.5 ކަމުގައި ކަނޑައެޅުމަށްވެސް އަބްދުލްގަފޫރޫ ހުށަހެޅުއްވިއެވެ.
މީގެ އިތުރުން 1 ޖެނުއަރީ 2022 އިން ފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަށާއި 1 ޖެނުއަރީ 2022 އިން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯ ކޮށްފައި ހުންނަ ކޮންމެ ދުވަހަކަށް، އޯވަޑުރޯ ކޮށްފައި ހުންނަ އަދަދުން އަހަރަކަށް 0.1 ޕަސެންޓް ރޭޓުގެ އިންޓްރެސްޓެއް އެމްއެމްއޭއަށް ނެގުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.
އެ ހުށަހެޅުންތަކަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފެވެ. އެ ހުށަހެޅުން ކޮމިޓީން ފާސްކުރިއެވެ.
މާލިއްޔަތު ކޮމިޓީން އެކަމަށް ޓަކައި ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިިނިސްޓަރު ވިދާޅުވީ ފައިސާ ޗާޕު ނުކުރާ ނަމަ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓް 26 ބިލިއަނަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހިދާނެ ކަމަށާއި އަދި ސިވިލްސާވިސް މުވައްޒަފުންގެ އަދަދު މަދުކޮށް މުސާރަތައްވެސް ކުޑަކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ކޮމިޓީގައި އެމްއެމްއޭގެ ލަފަޔާ ގުޅިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަމީރު ވަނީ އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަމީރު ވިދާޅުވީ ފައިސާ ޗާޕު ކުރުގައި ރިސްކުތަކެއް ހުރި ނަމަވެސް ވޭތުވެދިޔަ 18 މަސް ދުވަހު އެ ކަންކަން މެނޭޖު ކުރި ގޮތަށް ކުރިއަށް އޮތްތަނުގައި ވެސް މެނޭޖު ކުރެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށާފައި ވަނީ އެ ހުއްދަ ދިނުމާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓަށެވެ. ރިޕޯޓުގެ ބަހުސަށްފަހު އެ ރިޕޯޓުގައި މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ސަރުކާރަަށް އެ ހުއްދަ ދިނުމާ ބެހޭގޮން ގޮތެއް ނިންމުމަށް ވޯޓަށް އަހާނެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް