ޚަބަރު

މިސްކިތެއްގެ ގޯތި ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

މިސްކިތެއްގެ ގޯތި ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ބިދޭސީ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެމީހާ ހައްޔަރުކުރީ ރޭ 7:57 ހާއިރު މާލޭގައި ހުންނަ ޖަލާލުއްދީން މިސްކިތުގެ ގޯތިތެރެއިން ކަމަށެވެ. މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ފަސް ދުވަހަށް ބަންދުން ކުރަން އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހައިދިން އަމުރުގައި ބުނެފައިވަނީ، މިސްކިތުގެ ގޯތި ތެރެއަށް ކުޑަކަމުދިޔަ ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށާއި އަދި އޭނާގެ މައްޗަށް ކުރާ ކުށުގެ ތުހުމަތު ކުރިކަމަށް ގަބޫލުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ މިސްކިތުގެ ހުރުމަތް ކަނޑާލައި، އާއްމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގި ކަމުގެ ކުށުގެ ތުހުމަތެވެ.

މީގެ ކުރިން ފުލުހުން ވަނީ ރައީސް އޮފީހާއި އިސްލާމީ މަރުކަޒު އަދި ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލައަކާ ގުޅިގެންވެސް މީހަކު ހައްޔަރުކޮށް، މައްސަލަ ބެލުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

މީގެ އިތުރުން އޭނާ މަސްތުގެ ހާލަތުގައި ހުރެ މަގުމަތިންދާ މީހުންނަށް އުނދަގޫ ކުރާ މައްސަލައެއްވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހި މައްސަލައަކާ ގުޅިގެންނެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.