ޚަބަރު

ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ބީއެމްއެލްގެ ހިދުމަތަށް މައްސަލަތަކެއް!

ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތަށް މައްސަލަތަކެއް ދިމާވެއްޖެއެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި އެމީހުންގެ ހުރިހާ އެކައުންޓެއް ވަނީ ސުމަކަށް ގޮސްފައެވެ. އޭގެ ތެރޭގައި ލޯނު، ސޭވިން، ޕާޓްނާޝިޕް/ ލޯނު އެކައުންޓް ފަދަ އެކައުންޓްތައްވެސް ހިމެނެއެވެ. އޭގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްވެސް ވަގުތީ ގޮތުން ވަނީ މެދުކެނޑިފައެވެ.

މިކަމާ ގުޅިގެން ބީއެމްއެލުން އެ ބޭންކުގެ ކަސްޓަމަރުންނަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ، ބޭންކުގެ ބޭންކިން ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވަގުތީ ގޮތުން ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެކަމަށް ހައްލެއް ހޯދުމަށް ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

ބޭންކިން ދާއިރާގެ ބޭފުޅަކު "ވަން" އަށް ވިދާޅުވީ، އެގޮތަށް ހިދުމަތަށް ބުރޫ އަރާ އިރު، އެކައުންޓްތައް އެއްކޮށް "ޒީއޯ" އަށް ދިއުމަކީ އެކަން ދިމާވާ ގޮތް ކަމަށާއި އެއީ ސަލާމަތީ ސަބަބަށް ޓަކައި ސިސްޓަމުން އެކަން ކުރާ ގޮތް ކަމަށެވެ. އަދި ހިދުމަތް އަލުން ރުޖޫއަވާ އިރު، އެކައުންޓްތައް ހުންނާނީ ހުރިހާ ބައެއް ކުރިޔެކޭވެސް އެގޮތަށް ރުޖޫއަ ވެފައި ކަމަށްވެސް ވިދާޅުވިއެވެ.

ބީއެމްއެލުން އިއްޔެ ވަނީ، އަޕްގުރޭޑްގެ މަސައްކަތްތަކެއް ކުރުމަށް ރޭ ދަންވަރު 12:00 އިން ފަތިހު 5:00 އަށް އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތައް އަދި ޕީއޯއެސް މެޝިންތަކާއި ޕޭޓްމަންޓް ގޭޓްވޭތަކުގެ ހިދުމަތަށް ބުރުއެރުންތަކެއް އަންނާނެ ކަމަށް އަންގައިފައެވެ.

މި ހަބަރު ޝާއިއު ކުރުމުގެ ދެތިން މިނެޓު ކުރީން ބޭންކުގެ ހިދުމަތްތައް ވަނީ އަލުން ރުޖޫއަ ވެފަ އެވެ. އެކައުންޓް މައްސަލަ ދިމާވި ބައެއް މީހުންނާ ސުވާލު ކުރުމުން ބުނީ އެމީހުންގެ އެކައުންޓްތައް ވެސް ކުރިޔެކޭ އެއްފަދައިން އެ ހުރިގޮތަށް ރުޖޫއަ ވެފައިވާ ކަމަށެވެ.