ދުނިޔެ

ޔޫރަޕުގައި ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ ޑަބްލިއުއެޗްއޯ އިން ކަންބޮޑުވުން ފާޅުކޮށްފި

ޔޫރަޕުގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދާތީ ޑަބްލިއުއެޗްއޯ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބީބީސީއަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ޑރ. ހާންސް ކްލޫގަ ވަނީ މިކަމަށް ފިޔަވަޅުތައް ނާޅައިފި ނަމަ މި ބަލީގައި މާޗްމަހުގެ ނިޔަލަށް 500،000 މީހުން މަރުވެދާނެކަމުގެ އިންޒާރު ދެއްވައިފައެވެ.

މި އިންޒާރު ދެއްވާފައިވަނީ ޔޫރަޕުގެ ގިނަ ގައުމުތަކުގެ ކޮވިޑް ނަންބަރުތައް މަތިވަމުންދާ ދަނޑިވަޅެއްގައެވެ. ކޮވިޑުގެ ކޭސްތައް މަތިވާން ފަށާފައިވާތީ ބައެއް ގައުމުތަކުގައިވަނީ ކޮންމެވެސް ވަރަކަށް ފުރަބަންދުކުރުމުގެ ފިޔަވަޅު ވެސް އަޅާން ފަށައިފައެވެ.

ކްލޫގަ ފާހަގަކުރެއްވި ގޮތުގައި ކޮވިޑުގެ ހާލަތު ގޯސްވާން ފަށާފައި މިވަނީ ކުރިއަށް އޮތް ފިނި މޫސުމުގެ ސަބަބުންނާއި އާބާދީއަށް އެކަށޭނަ މިންވަރަކަށް ވެކްސިން ފުރިހަމަކުރެވިފައި ނުވުމުގެ އިތުރުން ހަލުވިކަމާއެކު ކޮވިޑު ފަތުރައިދޭ ޑެލްޓާ ވޭރިއަންޓު މި ސަރަހައްދުތަކުގައި ފެތުރެމުންދިއުމުގެ ސަބަބުންނެވެ. އޭނާގެ ވާހަކައިގައި ވީހާވެސް ގިނަބަޔަކު ވެކްސިން ފުރިހަމަ ކުރުމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ ގޮވާލައްވައިފައެވެ. އޭނާގެ ވާހަކައިގައި ބަލިން ދިފާއުވުމަށް މާސްކު އެޅުމަކީ ވަރަށް ވެސް ބޭނުންތެރިކަމެއް ކަމުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ކްލޫގަ ފާހަގަކުރެއްވިގޮތުގައި ކޮވިޑު-19 މިވަނީ އަނެއްކާވެސް މި ސަރަހައްދުގައި އެންމެ ގިނަ ބަޔަކު މަރުވުމުގެ ސަބަބަށް ވެފައެވެ. އެކަމުން އަރައިގަތުމަށް ކުރަންވީ ކަންތައްތަކަކީ ކޮބައިކަންވެސް އެނގޭކަމުގައި ކްލޫގަ ގެ ވާހަކައިގަައި ވަނީ ފާހަގަކުރައްވައިފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް ވެކްސިން މަޖުބޫރުކުރުމަކީ އެންމެ ފަހަށް ބޭނުންކުރުމަށް ބޭއްވިދާނެ ހަތިޔާރެއް ކަމަށާއި ނަމަވެސް އޭގެ ކުރިން ބަލި ފެތުރޭ މިންވަރު ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ވަރުގަދަ ކުރުން މުހިއްމެވެ. ފިޔަވަޅުތައް ވަރުގަދަ ކުރުމަކީ މިނިވަންކަމަށް ހުރަސް އެޅުން ނޫންކަމަށާއި ނަމަވެސް މިނިވަންކަން ގާއިމުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވިވިއެވެ.