ޚަބަރު

އެމްޕީއެލްގެ މެރިން އަދި ޕައިލަޓޭޖްގެ ހުރިހާ ހިދުމަތްތައް އޮޓަމޭޓް ކޮށްފި

ރިފާ ހަލީލު

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފޯރުކޮށްދެމުން އަންނަ މެރިން އަދި ޕައިލަޓޭޖްގެ ހުރިހާ ހިދުމަތްތައް އޮޓަމޭޓް ކޮށްފި އެވެ.

އެމްޕީއެލް އިން މިއަދު ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ޒަމާނީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، "ބަނދަރު ޕޯޓަލް"ގައި ހިމެނޭ މެރިން އަދި ޕައިލަޓޭޖް ސާވިސަސް އަށް ހާއްސަކޮށްފައިވާ "މެރީން މޮޑިއުލް" މެދުވެރިކޮށް، މެރިން އަދި ޕައިލަޓޭޖް އިން ކަސްޓަމަރުން ބޭނުންވާ ހުރިހާ ހިދުމަތްތަކަކަށް އެދެވޭނެ ކަމަށެވެ.

މި ގެނެވުނު ބަދަލަށް، ޝިޕިން އެޖެންޓުން އަހުލުވެރިކުރުމާއި، "މެރިން މޮޑިއުލް"ގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން، އެމްޕީއެލްގެ ޕައިލަޓޭޖް އެންޑް މެރީން ސާވިސް ޑިޕާޓްމަންޓާއި އައިޓީ ޑިޕާޓްމަންޓުން ޝިޕިން އެޖެންޓުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވައިފައިވާ ކަމަށާއި މި ބައްދަލުވުމުގައި ވަރަށް ގިނަ ޝިޕިން އެޖެންޓުން ބައިވެރިވި ކަމަށް ވެސް އެމަޕީއެލް އިން ވަނީ ބުނެފަ އެވެ.

މިއަދުން ފެށިގެން، މެރިން އަދި ޕައިލަޓޭޖްގެ ހިދުމަތްތަކަށް އެދުމާއި، އީޓީއޭ ހުށަހެޅުމާއި ފައިސާ ދެއްކުން އަދި މިކަމާ ގުޅޭ އެހެން ހިދުމަތްތަކަށް ވެސް އެދެވޭނީ ހަމައެކަނި "ބަނދަރު ޕޯޓަލް"ގެ "މެރިން މޮޑިއުލް" މެދުވެރިކޮށް ކަމަށް އެކުންފުނިން ބުންޏެވެ.

ކުންފުނީގެ މައިގަނޑު ހުރިހާ ހިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، ލިޔެކިއުން ހުށަހެޅުން އަދި ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރެވޭނެ ނިޒާމް އެ ކުންފުނިން ގާއިމްކޮށްފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.