މުނިފޫހިފިލުވުން

އާރްޔަން ހާން މަސްތުވާތަކެތި ބޭނުންކުރަން ރޭވިކަމުގެ ކުށް ސާބިތު ކުރެވޭނެ ހެއްކެއް ނެތް: ބޮމްބޭ ހައިކޯޓު

އާރްޔަން ހާން މަސްތުވާތަކެތި ބޭނުންކުރަން ރޭވި ކަމުގެ ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށް ބޮމްބޭ ހައިކޯޓުގެ ތަފުސީލީ ބެއިލް އޯޑަރުގައި ބުނެފި އެވެ.

ޝާހްރުކްހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާން އަދި ގާތް ދެ ރަހުމަތްތެރިން ކަމަށްވާ މުންމުން ދަމޭޗާ އާއި އަރްބާޒް މާޗަންޓުގެ އިތުރުން ގިނަ ބަޔަކު އޮކްޓޫބަރުމަހުގެ 2 ވަނަ ދުވަހު މަސްތުވާ ތަކެތީގެ މައްސަލައިގައި އެންސީބީން ހައްޔަރުކޮށްފައިވަނީ ކްރޫޒް ޝިޕެއް ރެއިޑުކޮށްގެންގެންނެވެ. އަދި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުމްބާއީގެ އާތަރު ޖަލުގައި ދުވަސްތައް ހޭދަކުރުމަށްފަހު އާރްޔަން ހާން އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ކަފާލާތުގެ ދަށުން މިނިވަން ކުރެވިފައިވަނީ ކޮންމެ ހުކުރު ދުވަހަކު އެންސީބީ އޮފީހަށް ހާޒިރު ވާން ޝަރުތުކުރުމަށްފަހުގައެވެ.

މި މައްސަލައިގައި ހައިކޯޓުން ނެރުނު ބެއިލް އޯޑަރުގައި ބުނެފައިވަނީ މި ތިން މީހުން ގުޅިގެން މަސްތުވާތަކެތި ބޭނުންކުރަން ރޭވިކަން ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށެވެ. ތަހުގީގަށް ހިފަހައްޓާފައިވާ އެމީހުންގެ ފޯނުގައި ހުރި ވަޓްސްއެޕް ޗެޓްލޮގުތަކުންވެސް އެކަމަށް ބާރު ލިބޭ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި އެ ތިން މީހުން އެކުގައި ދަތުރުކުރުމަކީ އޭގެ ޒާތުގައި އެމީހުން ގޯސްކަމެއް ކުރުމަށް ރާވައި ނިންމި ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ކޯޓުގެ ނިންމުމުގައި ވަނީ ބުނެފައެވެ.

"ސީދާ، މަސްތުވާ ތަކެތި ބޭނުން ކުރުމަށް އެ ތިން މީހުން ރޭވިކަމުގެ އެއްވެސް ހެއްކެއް ކޯޓަށް ހުށަހެޅިފައެއް ނެތް.'' ހައި ކޯޓުގެ ބެއިލް އޯޑަރުގައި ބުނެފައިވެއެވެ.

އެންސީބީން އެ ތިން މީހުންގެ އިތުރުން ގިނަ ބަޔަކު އެ ރޭ ހައްޔަރުކުރިއިރު އާރްޔަން ހާން އަތުން އެއްވެސް މަސްތުވާ އެއްޗެއް ފެނިފައެއް ނުވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އޭނާއާއެކު ހައްޔަރުކުރި އޭނާގެ ގާތް ދެ ރަހުމަތްތެރިން ކަމަށްވާ މުންމުން ދަމޭޗާ އަދި އަރްބާޒް މާޗަންޓު އަތުން މަސްތުވާ ތަކެތި ފެނިފައިވީ ނަމަވެސް އެއީ ނިސްބަތުން ވަރަށް ކުޑަ މިންވަރެއް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެންސީބީން ހައްޔަރުކުރިއިރު އަރްބާޒް އަތުން 6 ގުރާމު މަސްތުވާ ތަކެތި އަދި މުންމުން އަތުން 6 ގުރާމު މަސްތުވާ ތަކެތި ވަނީ ފެނިފައެވެ.