ދިރިއުޅޭ ރަށުން ބޭރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަންނަ އަހަރު ފެށިގެން ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ދީނީ އިލްމާއި ގުރުއާނުގެ އިލްމު މިހާރަށްވުރެ ބޮޑަށް ރާއްޖޭގައި ފެތުރުމަށް އެ މަނިކުފާނުގެ ސަރުކާރުން އިސްކަން ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޖާޒީރާ ރާއްޖޭގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުގަންނައިދީ ފެތުރުން ކަމަށެވެ. އެގޮތުން މިހާރުވެސް އިތުރު ކަންތައްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުގަންނައިދީ ފެތުރުން. މިގޮތުން މިހާރުވެސް އިތުރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. މި އަންނަ އަހަރު ފެށިގެން އަންނައިރުގައި، ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިރޭ ދަސްވެނިމުނު ގުރުއާން މުދައްރިސުންނާއި އިމާމުން، އެ ބޭފުޅުން އުނގެނިވަޑައިގެންނެވި އެއްޗެއް އަމަލީ ދިރިއުޅުމުގައި ތަންފީޒު ކުރަންވާނެ ކަމަށެވެ. އަދި އެހެން މީހުންނަށް އެ ކަންކަން ދަސްކޮށްދީ، ގުރުއާނުގެ ތަރުބަވީ އަހުލާގުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުވުމަށް މަސައްކަތް ކުރަންވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މުޖުތަމައަށް ދީނީ އިލްމު ފޯރުކޮށް ދިނުމުގައި އިސްލާމީ މުދައްރިސުންގެ ދައުރު ވަކިން ބޮޑު ކަމަށާއި އެ ބޭފުޅުން، ދަރިވަރުންނަށް ގުރުއާން އުގަންނައިދިނުމުގެ ޒިންމާ އަދާކުރަމުން ދާއިރު އެ ބޭފުޅުންވެސް ގުރުއާނުގެ އަހުލާގީ އިމުގެ ތެރޭގައި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.