އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު މުލިއާގޭގައި ލ. ގަމު ކައުންސިލްގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ބައްދަލުކުރެއްވުމުގައި އުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ތަރައްގީގެ ވިސްނުން ރައީސް އޮޅުންފިލުއްވި ކަމަށެވެ. އަދި ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއާޕޯޓް އިންޓަރނޭޝަނަލް ކުރުން ފަދަ މަަސައްކަތްތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްގީއަށް ދޭ އަހައްމިއްޔަތު ހާމަވާކަމެއް ކަމުގައި ވިދާޅުވެފައެވެ.
ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސްއާ މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ކައުންސިލުން ވަނީ އަންނަ އަހަރަށް ބަޖެޓްކޮށްފައިވާ މަސައްކަތްތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުއް ރަށުގައި ހިންގަން ކަމަށާއި މަގުހެދުމުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމާއި ރަށުގެ ސިއްހީ ހިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަހައްދުތައް ތަރައްގީ ކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ކައުންސިލުން، ރައީސާ ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަނީ ރަށުގައި ހިންގާ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކަންސިލަރުންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން އަންނަ އަހަރު ކެންސަރު ހޮސްޕިޓަލާއި ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ކަމަށާއި އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކެންސަރު ހޮސްޕިޓަލު ގާއިމުކުރަން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ހުޅުމާލޭގައެވެ. ނަމަވެސް ސިއްހީ ހިދުމަތް ލާމަރުކަޒީ ކުރުމަށްޓަކައި ސަރުކާރުން ފަހުން ނިންމީ ގަމުގައި އެ ހޮސްޕިޓަލް އެޅުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު