މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖެހި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފިއެވެ.

މާލޭގައި ހުންނަ އިބްރާހިމް މިސްކިތަށް ވަދެ ހަތިމަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެފަހަރު އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ވަނީ ބަންދަށް ޖަހައިދީފައެވެ.

އެ މުއްދަތު ހަމަވާތީ މިދިޔަ ބުރާސްފަތި އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިތުރު ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ރައީސް އޮފީހާއި އިސްލާމީ މަރުކަޒު އަދި ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލައަކާ ގުޅިގެންވެސް ފުލުހުން ޒިޔާދު ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ ވަނީ ފަހުން ބަންދުން ދޫކޮށްލައިފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ޕީޖީން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

މީގެ އިތުރުން އޭނާ މަސްތުގެ ހާލަތުގައި ހުރެ މަގުމަތިންދާ މީހުންނަށް އުނދަގޫ ކުރާ މައްސަލައެއްވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.