ޚަބަރު

ލިވިން އެކްސްޕޯ: މޯލްޑިވް ގޭހުގެ ޕައިޕްލައިން ހިދުމަތުގެ މައުލޫމާތާއި ކާއްޓޭއާއެކު ވަގުތުކޮޅެއް

އަލީ ޔާމިން

ހައިރައިޒުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ ލިވިން އެކްސްޕޯގައި މޯލްޑިވް ގޭހުގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ހާއްސަ ލަކީޑުރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ލަކީޑްރޯގައި ބައިވެރި ވެވޭނީ، ލިވިން އެކްސްޕޯގައި ހުރި މޯލްޑިވް ގޭހުގެ ސްޓޯލަށް ޒިޔާރަތްކޮށް، ނަން ނޯޓުކުރުމުންނެވެ. މޯލްޑިވް ގޭހުން ބުނީ، އެކުންފުނީގެ ސްޓޯލަށް ކޮންމެ ދުވަހަކު ޒިޔާރަތްކޮށް ނަންނޯޓު ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް މައިކްރޮވޭވް އަވަނެއް ލިބޭނެ ކަމަށެވެ.

މޯލްޑިވް ގޭހުގެ ސްޓޯލުގައި އެ ކުންފުނިން ވިއްކާ ހުރިހާ ވައްތަރެއްގެ ގޭސްފުޅި ޑިސްޕްލޭކޮށްފައި ހުރިއިރު، އެކުންފުނިން ދެމުން އަންނަ ޕައިޕްލައިންގެ ހިދުމަތާ ގުޅޭ މައުލޫމާތުވެސް ފޯރުކޮށްދެއެވެ.

މޯލްޑިވް ގޭހު ޕްރޮޑަކްޝަން އެންޑް އިންޖިނިއަރިން ޑިޕާޓުމަންޓްގެ ޖެނެރަލް މެނޭޖަރު، އަހުމަދު އަމީރު "ވަން" އަށް ވިދާޅުވީ، ޕައިޕްލައިންގެ ހިދުމަތުގެ ސަބަބުން، އުސް އިމާރާތްތަކަށް ގޭސްފުޅި އުފުލުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި އެއީ ރަށްކާތެރި ހިދުމަތެއް ކަމަށް ވިދާޅުވިއެވެ،

"ޕައިޕްލައިން އަޅުގަނޑުމެން މި އަޅަނީ އިމާރާތުގެ ހުރިހާ ފްލޯއަކަށް. މިއީ ވަރަށް ރައްކާތެރި ހިދުމަތެއް، މައްސަލައެއް ކުރިމަތިވެއްޖެ ނަމަ މުޅި އިމާރާތުންވެސް އަދި ވަކިވަކި ފަންގިފިލާތަކުންވެސް ގޭސް ބަންދުކުރެވޭނެ." އަމީރު ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ ސްޓޯލްގައި އަންނަނީ، މަޝްހޫރު ކޮމީޑިއަން ކާއްޓޭއާއެކު "އިނގޭތަ ވިތު ކާއްޓޭ"ގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ ހަރަކާތްތަކެއް ކޮންމެ ރެޔަކު 8:00 އިން 9:00އަށް ކުރިއަށް ގެންދަމުންނެވެ. އެ ހަރަކާތުގައި ގޭހާ ބެހޭ އެކިއެކި މައުލޫމާތުތައް ފޯރުކޮށްދެއެވެ.

ރާއްޖޭގެ ލީޑިން އިވެންޓް މެނޭޖްމަންޓް، ޕަބްލިކޭޝަން އަދި ޕީއާރު ކުންފުނި ހައިރައިޒުން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓްގެ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފެންނާނެ ގޮތް ހަދައި އެ ދާއިރާގެ ފުރުސަތުތައް އެއް ޕްލެޓްފޯމަކުން ދައްކައިދިނުމުގެ މަގުސަދުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯއެކެވެ.