އަޅުގަނޑުގެ ހިތަށްއަރައެވެ. ދިވެހި ބަހުން ލިއާ އިރު ށަވިޔަނީގައި ސުކުންކުރެވޭ ތަންތަން ވަރަށް ކުރުކޮށް ފޮނިކޮށް ބަޔާންކޮށް ނިންމައިލާނަމޭ ހިތައި ފެށި ލިއުން ދިގުވަމުން އައިސް މިއަދު މީ ތިން ވަނަ ދުވަހެވެ! އެހެންވީމާ އަޅުގަނޑަކަށެއް މި ހަމަތަކެއް ކުރުކޮށެއް ފޮނިކޮށެއް ބަޔާންކޮށެއް ނުދެވުނުތާއެވެ! އެހެން ވިއަސް ދެން ވެސް ވީހައި ކުރުކުރާން މަސައްކަތްކުރަމުން ކުރިއަށް ގެންދާނަމެވެ.
މި ކޮލަމް ފެށީއްސުރެން އަޅުގަނޑު ވާހަކަދައްކަމުން މި އަންނަނީ ލަފުޒެއްގެ ނިމުމަށް ށަވިޔަނިސުކުން އަންނަ ލަފުޒުތަކުގެ ނިމުމުގައި އާންމުކޮށް ބޭނުންކުރެވޭ އަކުރުތަކާއި، އެ އަކުރުތައް ފާހަގަކުރާން ފަސޭހަވެދާނެ ބައެއް ގޮތްގޮތާ މެދުގައެވެ. މި ފަދަ އަކުރުތަކުގެ ތެރެއިން ކުރީ ދެ ދުވަހު އަޅުގަނޑު ބަޔާންކޮށްފައި އޮންނާނީ |އަށް| އާއި |އަކަށް| އެވެ. އަދި |އަށް| ބައެއް ލަފުޒާ ގުޅުމުން |އަށް| ގެ އަލިފު ބަދަލުވެގެން ދާ ގޮތެވެ.
ލަފުޒެއްގެ ނިމުމަށް ށަވިޔަނިސުކުން އަންނަ އާންމު އަނެއް އަކުރަކީ ސިފަ ބަޔާންކުރާ ލަފުޒެއްގެ ފަހަތުން އެ ލަފުޒާ ގުޅުވައިފައި އޮންނަ |ކޮށް| އެވެ. މިސާލަކަށް: ރީތިކޮށް، ފޮނިކޮށް މި ކަހަލަ ލަފުޒުތަކުގެ ފަހަތުގައި އޮންނަ |ކޮށް| އެވެ. މި ފަދަ ކަންއިތުރު ނިމިފައި އޮންނަ |ކޮށް| އަކީ ވެސް ލަފުޒުގެ ނިމުމުގައި އޮންނަ ށަވިޔަނިސުކުން އަލިފުސުކުނަކާ އޮޅޭނެ ތަނެއް އޮތް ލަފުޒެއް ކަމަކަށް ނުފެނެއެވެ. އެހެނީ ލަފުޒެއްގެ ނިމުމަށް އަލިފުސުކުނެއް އަންނަ އެ ސުކުނުގެ ކުރީގައި ކާފުއޮބޮފިލި އޮންނަ ލަފުޒެއް އޮންނަ ކަމަކަށް ފާހަގަކުރެވިފައެއް ނެތެވެ.
ކަންއިތުރުގެ ނިމުމުގައި ށަވިޔަނި ސުކުން އޮންނަ ދެވަނަ އަކުރަކީ ސިފަ ބަޔާންކުރާ ލަފުޒެއްގެ ފަހަތުން އެ ލަފުޒާ ގުޅުވައިފައި އޮންނަ |އަށް| އެވެ. މިސާލަކަށް: ފަރިއަށް، އަވަހަށް މި ކަހަލަ ލަފުޒުތަކުގެ ފަހަތުގައި އޮންނަ |އަށް| އެވެ. |އަވަހަށް| ގައި އެ ވަނީ |އަށް| ގެ އަލިފު އުނިވެ، |އަވަސް|ގެ ސީނު ހާއަށް ބަދަލުވެ، |އަށް| ގެ އަލިފުގައި އޮތް އަބަފިލި |އަވަސް|ގެ ސީނު ބަދަލުވީ ހާގައި ޖެހިފައެވެ. ކަންއިތުރުގެ ފަހަތުގައި އޮންނަ މި |އަށް| އަކީ ކުރީ ދެ ދުވަހު ވާހަކަދެކެވުނު |އަށް| އާ ތަފާތު އަކުރެއް ނޫނެވެ.
ލަފުޒެއްގެ ނިމުމަށް ށަވިޔަނިސުކުން އަންނަ އާންމު އަނެއް އަކުރަކީ |ތަކަށް| އެވެ. މިއީ ނަން ގިނަކުރާ އަކުރު |ތައް| އާއި |އަށް| އެކުވެގެން އުފެދިފައި އޮތް އަކުރެކެވެ. (ތައް+އަށް > ތައ+ަށް > ތަކ+ަށް > ތަކަށް) މީގެ މިސާލަކީ ފޮތްތަކަށް، ހެދުންތަކަށް، މަގުތަކަށް ފަދަ ލަފުޒުތަކެވެ. މި |ތަކަށް| އަކީ ވެސް ލަފުޒުގެ ނިމުމުގައި އޮންނަ ށަވިޔަނިސުކުން އަލިފުސުކުނާ އޮޅޭނެ ތަނެއް އޮތް ލަފުޒެއް ކަމަކަށް ނުފެނެއެވެ. އެހެނީ ކުރީ ދުވަހު |އަކަށް| އާ މެދު ވާހަކަދައްކަމުން ބަޔާންކުރި ފަދައިން އަލިފުސުކުނާއި ށަވިޔަނިސުކުނުގެ އަޑުން ނިމޭ ލަފުޒެއް، |ަކައް| މި ގޮތަށް، ލަފުޒު ނިމޭ ސުކުނުގެ ކުރީގައި ކާފުއަބަފިއްޔެއް، އެ ކާފުއަބަފިލީގެ ކުރީގައި އަބަފިލިޖެހިފައި އޮތް އެހެން އަކުރެއް އޮންނަ އަލިފުސުކުނަކަށް ނިމޭ ލަފުޒެއް ފާހަގަކުރެވިފައެއް ނެތެވެ.
ލަފުޒެއްގެ ނިމުމަށް ށަވިޔަނިސުކުން އަންނަ އާންމު އަނެއް އަކުރަކީ |ކަމަށް| އެވެ. މިއީ |ކަން| އާއި |އަށް| އެކުވެގެން އުފެދިފައި އޮތް އަކުރެކެވެ. (ކަން+އަށް > ކަނ+ަށް > ކަމ+ަށް > ކަމަށް). މި އަކުރަކީ ކަމެއް ކުރާން މީހަކު ލައްވައި އެއްބަސްކުރުވާން ބުނާ ޖުމުލައިގައި ބޭނުންކުރާ އަކުރެކެވެ. މިސާލަކަށް: ނުބުނާން ކަމަށް، އަންނާން ކަމަށް. މި |ކަމަށް| އަކީ ވެސް ލަފުޒުގެ ނިމުމުގައި އޮންނަ ށަވިޔަނިސުކުން އަލިފުސުކުނަކާ އޮޅޭނެ ތަނެއް އޮތް ލަފުޒެއް ކަމަކަށް ނުފެނެއެވެ. އެހެނީ އަލިފުސުކުނާއި ށަވިޔަނިސުކުނުގެ އަޑުން ނިމޭ ލަފުޒެއް، |ކަމައް| މި ގޮތަށް، ލަފުޒު ނިމޭ ސުކުނުގެ ކުރީގައި މީމުއަބަފިއްޔެއް، އެ މީމުއަބަފިލީގެ ކުރީގައި ކާފުއަބަފިއްޔެއް އޮންނަ އަލިފުސުކުނަކަށް ނިމޭ ލަފުޒެއް ފާހަގަކުރެވިފައެއް ނެތެވެ. އަލިފުސުކުނަށް ނިމޭ |މައް| މި ލަފުޒަކީ މީމުގެ ކުރިއަށް މީމާ ގުޅިގެން ކާފެއް އަންނަ ލަފުޒެއް ނޫނެވެ. އެއީ ނަންއިތުރެއްގެ ގޮތުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: މައް މީހެއް. މައް ދިވެއްސެއް.
މިހައި ތަނަށް މި ވާހަކަދެކެވުނު އަކުރުތަކަކީ ނިމުމުގައި ށަވިޔަނިސުކުން އޮންނަ އާންމު އަކުރުތަކެވެ. ދެން މި ފާހަގަކޮށްލަނީ ނިމުމުގައި ށަވިޔަނި ސުކުންއޮންނަ، ވަރަށް އާންމުކޮށް ބޭނުންކުރެވޭ ކަމުގެ ދެ ލަފުޒެކެވެ. ފުރަތަމަ ލަފުޒަކީ |ދުށް| އެވެ. މިއީ |ދުށުން| މި ކަމުގެނަމުގެ ފުރޮޅުމެކެވެ. މި ލަފުޒު ބޭނުންކުރެވެނީ: އަހަރެން ދުށް ގޮތުގައި، އޭނާ ދުށް މާލެ، މަންޒަރު ދުށް މީހަކު، ޢަލީ ދުށް ހުވަފެން މި ގޮތްގޮތަށެވެ. އަނެއް ލަފުޒަކީ |ކޮށް| އެވެ. މިއީ |ކުރުން| މި ކަމުގެ ނަމުގެ ފުރޮޅުމެކެވެ. މި ލަފުޒު ބޭނުންކުރެވެނީ: ތަޙުޤީޤުކޮށް، މަސައްކަތްކޮށް، ދަތުރުކޮށް، ނަމާދުކޮށް މި ގޮތްގޮތަށެވެ. އަދި ބައެއް ފަހަރު މި |ކޮށް| ތަކުރާރުކޮށްފައި ވެސް ހުރެއެވެ. މަސައްކަތްކޮށްކޮށް، ދަތުރުކޮށްކޮށް މި ގޮތްގޮތަށެވެ.
ދެން ހުރީ ލަފުޒުގެ ނިމުމަށް ށަވިޔަނިސުކުން އަންނަ ނަމާއި އިތުރު ފަދަ ލަފުޒުތަކެވެ. މިސާލަކަށް: ކުށް، ވަރަށް ފަދަ ލަފުޒުތަކެވެ. މި ފަދަ ލަފުޒުތަކުގައި ށަވިޔަނީގައި ސުކުންކުރަނީ ސުކުން އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހައިގެން ކިއޭ ނަމަ، ށަވިޔަންޏެއްގައި އެ ފިއްޔެއްޖެހޭތީއެވެ. މިސާލަކަށް: ކުށް - ކުށަކީ، ކުށޭ. ވަރަށް - ވަރަށަ، ވަރަށޭ. ތިރީގައި މި ވަނީ ށަވިޔަނިސުކުނަށް ނިމޭ މި ފަދަ ބައެއް ލަފުޒުތަކުގެ ލިސްޓެކެވެ.
ނޯށް، ރަށް، މާރަށް، މައިރަށް، ގާމަތީރަށް، ފުށިރަށް، ވެރިރަށް، ފަޅުރަށް، އޮޅިމެދުރަށް، ކަށް، އަށް، އަވަށް، ވަށް، ވަރަށް، ފަށް، ފަނާފަށް، ހޭލާފަށް، ވަތްހޭލާފަށް، ރާޅުދޫފަށް، ހެއިފަށް، ފުޅޮއިފަށް، ބަނޑުރުއްފަށް، ހަތަރުދަންފަށް، ދޮޅުދަންފަށް، ދެވެލިފެންފަށް، ރާޅުފެންފަށް، ރިތްފަށް، އުރަފަށް، ދުނިފަށް، ކައިރިފަށް، ހޭޅިފަށް، ގުންޑޮޅިފަށް، ރިވެލިފަށް، ބިތްޕަށް، އަސްދަނޑިފަށް، ރާޅުފަށް، ވެލިރާޅުފަށް، ބަނޑުރާޅުފަށް، ވައުފަށް، މައިފަށް، ފަރޯޒީފަށް، ވާންފަށް، ހަތިފަށް، ޗޭނުފަށް، ނަނުފަށް، ކަރުފަށް، ހާޑުފަށް، ދާރަފަށް، ހަމަފަށް، ނަލަފަށް، ވޮށިފަށް، ރޭލުފަށް، ފީތާފަށް، ވިހޭފަށް، ބާރީފަށް، ރިއްސެޔޮފަށް، ކުދިރާޅުފަށް، ބޮޑުރާޅުފަށް، ވެލިފަށް، ދަނޑިފަށް، އަންނަފަށް، ވަގުއަންނަފަށް، ފައްޓަރުފަށް، ކުނިހުދުފަށް، ވައިހިޔަނިފަށް، ހެޔޮރޯޅިފަށް، ދުލިފަށް، އޮޅުފަށް، މަދުފަށް، ހަޅޭއްފަށް، އަޑުފަށް، ވަރުފަށް، ނިއާފަށް، ފެންފަށް، ފެންނަފަށް، ޅަފަށް، ކަނިފަށް، ފަންވަށް، ދަށް، ފާތުރާދަށް، ފަލުކާދަށް، މަޅުދަށް، އަސްކަނިދަށް، އޮޑިދަށް، ވައިދަށް، ނިވައިދަށް، އޮއިދަށް، އަތްދަށް، ފައިތިލަދަށް، އިހިދަށް، ފަސްކަނިދަށް، ބުޑުދަށް، ކުށް، އުށް، ބޭސްއުށް، މުށް، މާމުށް، ކުރުމުށް، ގޮށްމުށް، ބިލެތްމުށް، ފުށް، މާފުށް، އާޓާފުށް، ގޮދަންފުށް، ހިމުންފުށް، ހިމަފުށް، ހިއްތަލަފުށް، އޮލަފުށް، ޒުވާރިފުށް، ބިންބިފުށް، ހިލިފުށް، ހުދުފުށް، ކޭލުފުށް، ހަނޑުލުފުށް، މަސްފުށް، ހައިފުށް، ފަތިފުށް، ދަށްފުށް، ބަތާނަފުށް، ރީތިފުށް، މިއަފުށް، ހިލަފުށް، ބުރިކަށިފުށް، ބުރިފުށް، އިދިފުށް، ވަރިފުށް، ހަރުފުށް، ވަކަރުފުށް، ނުފުށް، ބަނޑުފުށް، އެތެރެފުށް، ބޭރުފުށް، މައިފުށް، ކިރުފުށް، މަތިފުށް، ބަފައިމަތިފުށް، މައިމަތިފުށް، ރަސްމަތިފުށް، ރަށްފުށް، ފަތްފުށް، ދޫނިފުށް، ކޮށް، އޮށް، މަހުލަނބޯއޮށް، ތަސްބީހައޮށް، ފެހިއޮށް، ފުނައޮށް، ސައިބޯނިއޮށް، ރަންގުއޮށް، ތިލެޔޮއޮށް، ރިހައޮށް، ވިހައޮށް، ފަސްއޮށް، ކަޅުއޮށް، ކައްޓަފުޅިކަޅުއޮށް، އުދަލިކަޅުއޮށް، މިޔަރުކަޅުއޮށް، ކަނޑުކަޅުއޮށް، ލޯބޮޑުކަޅުއޮށް، ވޮށް، ހަންޑިވޮށް، މޮށް، ދޮށް، މޭދޮށް، ކިހިލިފަތްދޮށް، އަނގަދޮށް، ދޮޅިދޮށް، ގޭދޮށް، ގޮނޑުދޮށް، ވަޅުދޮށް، އޮޑިދޮށް، ގަސްދޮށް، ބޯދޮށް، ބަނޑުރިޔާދޮށް، ފައިދޮށް، ބަނޑުފައިދޮށް، ބިތްދޮށް، އައްދޮށް، މިއަދޮށް، ކަންދޮށް، ތަންދޮށް، އަތްދޮށް، އަސްކަނިދޮށް، ބާބިލިދޮށް، ކޮލިދޮށް، ބުޑުދޮށް، ގޮށް، ފިއްތާގޮށް، ޓިސްގޮށް، ޓައީގޮށް، ދަމައިލާގޮށް، ވައިގޮށް، ފޯއްގޮށް، ވަގޮށް، ބުޅިގޮށް، ސުވޭހުގޮށް، މަރިޔަނބުގޮށް، ފުލުގޮށް، ހުވަގޮށް، ވިގޮށް، އަގޮށް، މާއަގޮށް، މަސްގޮށް.