ޚަބަރު

އޭޝިއާ ބައްރުގެ އެންމެ އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ އެމްޑީ މުގުނީއަށް

އައިޝަތު ނިއުޝާ

އޭޝިއާ ބައްރުގެ ޝަރަފުވެރި އެވޯޑެއް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއަށް ލިބިވަޑައިގެންފިއެވެ.

މުގުނީއަށް ލިބިވަޑައިގެންފައި ވަނީ، އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021"ގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް އެވޯޑެވެ. މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މި އެވޯޑަކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕަސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލުކޮށްފައެވެ.

ސްޓެލްކޯ އިން ބުނީ، މުގުނީއަށް އެވޯޑް ލިބިވަޑައިގެންފައި ވަނީ މިދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި ހަކަތައިގެ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިއާއި އަޅާބަލައި އިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައިގެން ގޮސްފައިވާ ދުވެއްޔާ ގުޅިގެން ކަމަށެވެ.

އެވޯޑް ލިބިވަޑައިގަތުމާ ގުޅިގެން މުގުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށް ވެވޭނީ މަސައްކަތުގެ މާހައުލުގައި ތަފާތުދައްކައި ގަދަ ހިތްވަރާއެއްކޮށް މަސައްކަތްކޮށް، އިލްމާއި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.

"ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ އެހެން މީހެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުކަން ދެނެގަނެ، އެފަދަ ހާއްސަ ސިފަތައް ބޭނުންކުރަން އެމީހަކަށް ދަސްކޮށްދީ އެ ދާއިރާއަކުން އެ މީހަކު ބާރުވެރިކުރުވާ މީހާ" މުގުނީ ވިދާޅުވިއެވެ.

މި އެވޯޑް މުގުނީއަށް ލިބިވަޑައިގެންފައިވާ އިރު، މީގެ ކުރިންވެސް އޭނާއަށް ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑާ އޮފް ދި އިޔާ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ "އިމާޖިން ލީޑާ އޮފް ދި އިޔާ"ގެ އެވޯޑްވެސް ލިބިވަޑައިގެންފައެވެ.

މުޣުނީގެ އެމްޑީ ކަމުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން"ގެ އެވޯޑްވެސް ސްޓެލްކޯއަށް ލިބިފައިވެއެވެ.

އޭގެ އިތުރުން ސްޓެލްކޯގެ ހިންގުން ހަރުދަނާކޮށް، ކޯޕަރޭޓް ގަވަނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީއެމްޑީއޭ އިން ދޭ “ސީޖީ އެފޯޓްސް އެވޯޑް” އާއި މީހުން ބިނާކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއްކޮށް، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑާއި “ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ” އެވޯޑްވެސް 2020 ވަނަ އަހަރު ސްޓެލްކޯއަށް ލިބިފައިވެއެވެ.

މުގުނީގެ އެމްޑީ ކަމުގައި ކޯޕަރޭޓް ގަވަނެންސް ރަނގަޅު ކުރުމުގެ ގޮތުން، ދެފުށް ފެންނަ ސިޔާސަތުތަކެއް ކުންފުނީގެ އެތެރޭގައި ގާއިމުކޮށް، ބޯޑު ޑިރެކްޓަރުން ހިމެނޭ ގޮތަށް ކުންފުނީގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި މަސްލަހަތު ފުށޫއަރާފަދަ ކަންކަމުން އެކަހެރިވުމާއި ކުންފުނީގެ އެތެރޭގައި ވިސްލްބްލޯވިން ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.

އަދި ކޮވިޑުގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދީފައިވާ އިރު، މުވައްޒަފުންގެ ރައްކާތެރިކަމާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްއަގުވާމީ މިންގަނޑެއް ކަމުގައިވާ އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރުމާއި ސްމާޓް މީޓަރާއި ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ދަނީ ބޭނުން ކުރަމުންނެވެ.

އޭގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިން ސޯލާ ޕޮޑް ތައާރަފުކުރުމާއި ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، އޭގެ ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި މާލެއާއި ހުޅުމާލެއާއި ދެމެދު ބަސްމެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވާރެއާއި އަވިން ރައްކާތެރިވެ ތިބެވޭނެ ގޮތަށް ރާއްޖޭގެ ފުރަތަމަ 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕް ހުޅުވުންވެސް ހިމެނެއެވެ.

އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް، މާލެއާއި ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެ ބޭނުން ކުރުމާއި ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަމާއެކު، ކޮލިޓީ ޖަނަރޭޓަރު ލިބޭނެ ގޮތް ހެދުމަށްޓަކައި ޖަނަރޭޓަރުގެ ސްޕެއާ ގެނެސް “ސްޓެވޯ”ގެ ނަމުގައި ސްޓެލްކޯއިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ވަނީވެސް މުގުނީގެ އެމްޑީ ކަމުގައެވެ.

އޭގެ އިތުރުން ތިމާވެއްޓަށް ގެއްލުން ދޭ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ބޭނުންކުރުން މަނާކުރުމާއި އެތަކެތީގެ ބަދަލުގައި ބޭނުން ކުރާނެ ފުޅިއާއި ޓޯޓްބޭގް ފަދަ ތަކެތި މުވައްޒަފުންނަށް ފޯރުވައިދިނުމާއި އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދެމުން ގެންދާ ހިދުމަތްތަކާއި އަންހެނުން ބާރުވެރިކުރުވައި، ކަރަންޓުގެ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދީ، ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯއިން ފަހިކޮށްދީފައިވެއެވެ.