ޚަބަރު

މަތީ ސާނަވީ ކިޔަވާ ކުދިންގެ އަދަދު މަދު، މަތީ ސާނަވީ ފުރިހަމަކުރަން ވެސް ހިތްވަރުދޭން ޖެހޭ: ރައީސް

މަތީ ސާނަވީ ކިޔަވާ ކުދިންގެ އަދަދު މަދު ކަމަށާއި ސާނަވީ އިމްތިހާނުތައް ނިންމާ ކުދިން މަތީ ސާނަވީއަށް ދިއުމަށް ހިތްވަރުދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި 2019 އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ "ޓޮޕް އެޗީވާސް އެވޯޑް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ އަހަރަކު ސާނަވީ އިމްތިހާނު ނިންމާ ކުދިންގެ 64 އިންސައްތަ ކުދިން މަތީ ސާނަވީ ހަދަން ބޭނުންނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

"ސާނަވީ އިމްތިހާނު ނިންމާ ކުދިންގެ ކާމިޔާބީގެ ވާހަކަ ދައްކާ އިރު، މިކަމުގައި ފާހަގަކޮށްލެވޭ އެހެން ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. ސާނަވީ އިމްތިހާނު ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީއާ ކުރިމަތިލާ ކުދިންގެ އަދަދު މަދުވާ މައްސަލަ. މިދިޔަ ފަސް އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ސާނަވީ އިމްތިހާނު ހަދަނީ އެވްރެޖުކޮށް 5،600 ދަރިވަރުން. އޭގެ ތެރެއިން މަތީ ސާނަވީއަށް މި ވަންނަނީ އެވްރެޖުކޮށް އަހަރަކު 2،040 ކުދިން. ސާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސަންޓް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކިހިނެއް ވެގެން، ކޮން ސަބަބަކާ ހުރެ މެދުވެރިވާ ކަމެއްތޯ ބަލަން ޖެހޭ ކަމަށާއި ދައުލަތުގެ މުއައްސަސާތަކުން އަދި ބެލެނިވެރިން ވެސް، ދަރިވަރުންނަށް ހިތްވަރު ދޭންވީ މަތީ ސާނަވީ ފުރިހަމަކުރަން ކަމަށެވެ.

"ގްރޭޑު ދިހައެއް ނިމުނީމާ، ކިޔަވާ ނިމުނީ ކަމަށް ގަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފުހެލުމަށް އަޅުގަނޑު އިލްތިމާސްކުރަން. އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ އެކުއްޖެއްގެ މުސްތަގުބަލު އެކަންޏެއް ނޫން. އެއީ މުޅި ގައުމަށް ލިބޭ ގެއްލުމެއް. އެންމެ ކުއްޖަކު ވެސް ތައުލީމީ ހަޔާތް ފުރިހަމަނުކޮށް، ދޫކޮށްލުމަކީ ގައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ގައުމު ކުރިއެރުވުމަށާއި ގައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްގީވެ، ކުރިއަރާ ތަނެއް ނޫން ކަމަށާއި ގައުމު ތަރައްގީވަނީ ގައުމުގައި އުޅޭ މީހުން ތަރައްގީވެގެން ކަމަށެވެ. އަދި ގައުމު ކުރިއަރަނީ ތިމާ ހުރި ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ ވިސްނުން ގައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ އަޒުމުގައި އެކަމަށް މަސައްކަތްކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.