ޚަބަރު

ވ. ތިނަދޫ، ރަކީދޫ އަދި ފެހެންދޫގައި ސެޓަލައިޓް ސްކޫލު މެދުވެރިކޮށް ކިޔަވައިދޭން ފަށަނީ

ވ. ތިނަދޫ އާއި އެއަތޮޅު ރަކީދޫ އަދި ބ. ފެހެންދޫގައި ސެޓެލައިޓް ސްކޫލު މެދުވެރިކޮށް ކިޔަވައިދޭން ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަމީނިއްޔާ ސްކޫލުގައި މިރޭ ބޭއްވި 2019 އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ "ޓޮޕް އެޗީވާސް އެވޯޑް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކިޔަވާ އުމުރުގެ ކުދިން މަދުވުމުން ސްކޫލު ނެތް އެ ތިން ރަށުގައި މިއަހަރުގެ ދެވަނަ ޓާމްގައި އެ ޕްރޮގްރާމު ފެށޭނެ ކަމަށެވެ.

"މިއަހަރުގެ ތެރޭގައި ވެސް މުޅިން އާ ކަމެއް ތައުލީމީ ދާއިރާއަށް އެބަ ތައާރަފުކުރަން. އެއީ ސެޓަލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށުން. ސްކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވުމުން ސްކޫލު ނެތް ތިން ރަށެއްގައި މިއަހަރުގެ ދެވަނަ ޓާމްގައި މި ޕްރޮގްރާމު ފެށޭނެ. އެއީ ބ. ފެހެންދޫ އާއި ވ. ތިނަދޫ އާއި އެއަތޮޅު ރަކީދޫ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ޕްރޮގްރާމު ފެށުމުން އެ ތިން ރަށުގެ ދަރިވަރުން ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިއުމަށްޓަކައި އުފުލަން ޖެހޭ ބުރަ ފިލައިގެން ދާނެ ކަމަށާއި އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ މާލޭގެ ހުރަވީ ސްކޫލުގައި ގާއިމުކޮށްފައި ހުންނަ ސެޓަލައިޓް ހަބްގައި ތިއްބަވާ ޓީޗަރުން ކަމަށެވެ.

"މިފަދަ މުހިންމު ބަދަލުތައް ތައުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ ގައުމު ތަރައްގީކުރާނެ މީހުން ބިނާކުރުން. ގައުމު ތަރައްގީކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭ ފަދަ އިލްމީ އަދި ޖިސްމާނީ ގާބިލުކަން ދަރިންނަށް ހޯދައިދިނުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އުންމީދަކީ މިރޭ އެވޯޑު ހާސިލުކުރާ ހުރިހާ ދަރިވަރުންނަކީ ވެސް މަތީ ސާނަވީ ފުރިހަމަކޮށް، އަދި މަތީ ތައުލީމުގެ މަރުހަލާތައް ވެސް ފުރިހަމަކޮށްގެން ގައުމު ކުރިއެރުވުމަށްޓަކައި ގައުމުގައި ހިދުމަތްކުރާނެ ކުދިންތަކެއް ކަމުގައިވުން ކަމަށެވެ. އަދި ޒަމާނީ ތަރައްގީގެ ތެރެއަށް ރާއްޖެ ގެންގޮސްދިނުމަށްޓަކައި އެކުދިންގެ ހިދުމަތަށް ގައުމު އޮތީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް ވެސް ވިދާޅުވިއެވެ.