އެމްޑީޕީ އޮފީހުގައި މީގެ ކުރިން މާރާމާރީ ހިންގި މީހާ ބަންދު ދޫކޮށްލުމުން، އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިންޒާރު ދެމުންދާތީ އެ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ފުލުހުގައި އެދިއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ އެ އޮފީހުގައި މަސައްކަތްކުރާ ފިރިހެނެކެވެ. އެ ފިރިހެން މީހާ މާރާމާރީ ހިންގާފައިވަނީ ރައްޔިތުން މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)އާއި އިތުރު ބަޔަކާއެވެ.

މާރާމާރީއާ ގުޅިގެން އެމްޑީޕީގެ އޮފީހުގެ ވަޒީފާއިން އެމީހާ ވަނީ ވަކިކޮށްފައެވެ. ފުލުހުން އެމީހާ ހައްޔަރުކޮށް ފަހުން ދޫކޮށްލުމުން އޭނާ ގެންދަނީ އޮފީހުގެ އެހެން މުވައްޒަފުންނަށް ފޯނު މެދުވެރިކޮށް އިންޒާރުގެ މެސެޖުތައް ދެމުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވައިފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހަސަން ލަތީފު އެ ސިޓީގައި ވިދާޅުވެފައިވަނީ މީގެ ކުރިން ހައްޔަރުކޮށް ދޫކޮށްލި މީހާ އެ އޮފީހުގެ މުވައްޒަފުންނަށް ވައިބާ އާއި މެސެންޖާ މެދުވެރިކޮށް މެސެޖު ކުރަމުންދާ ކަމަށާއި އެ އޮފީހަށް ދާނެ ކަމުގެ އިންޒާރު ދެމުންދާތީ ސެކިއުރެޓީ ބަލަހައްޓައި ދިނުމަށް އެދޭ ކަމަށެވެ. އަދި އެމީހާގެ ޝަރީއަތް ނިމެންދެން އޮފީހަށް ސެކިއުރެޓީ ފޯރުކޮށްދިނުމަށް ހަސަން ލަތީފު ވަނީ އެދިފައެވެ.

އެ ސިޓިއާއެކު އެ އޮފީހުގެ މުވައްޒަފުންނަށް ކޮށްފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތައް ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.