ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހާއި ފާހާނާ ދުވަސް ފާހަގަކޮށްފިއެވެ.

ފިރިހެނުންގެ ދުވަހާއި ފާހާނާ ދުވަސް ފާހަގަކުރުމަށް ފެން ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝާހު ވިދާޅުވީ، ފިރިހެނުންގެ ބައިވެރިވުން އެކުންފުނީގެ ކޮންމެ މަސައްކަތެއްގައިވެސް ބޮޑު ކަމަށާއި އެކުންފުނީގައި ފިރިހެނުންނާ އެއް ސަފެއްގައި އަންހެނުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެމްޑަބްލިޔުއެސްސީގެ ފިރިހެން މުވައްޒަފެއް އެމުވައްޒަފުގެ އިހުސާސްތައް ހިއްސާކޮށްފައެވެ. އަދި "އިސްތަށިގުޅަ"ގެ ނަމުން ނަން ދީފައިވާ އިސްތިހާރެއްވެސް ވަނީ ޕްރިމިއާކޮށްފައެވެ.

ރަސްމިއްޔާތުގައި ވަނީ އެމްޑަބްލިޔުއެސްސީގެ ފިރިހެން މުވައްޒަފުންގެ ތެރެއިން ނަސީބުވެރި ދިހަ މުވައްޒަފަކަށް ސޮނީ ސްޕޯޓްސްއިން ހަދިޔާކުރި 1،000 ރުފިޔާގެ ގިފްޓް ވައުޗަރުވެސް ހަވާލުކޮށްފައެވެ.