ޚަބަރު

ކޮވިޑުގެ ހާލަތުން ދިމާވި ގެއްލުންތަކުން ރާއްޖެއަށް އަރައިގަނެވޭނީ ދުނިޔެ ކޮވިޑުން ސަލާމަތްވެގެން: އަމީރު

މުހައްމަދު އިޝާން

ކޮވިޑުގެ ހާލަތުން ދިމާވި ގެއްލުންތަކުން ރާއްޖެއަށް އަރައިގަނެވޭނީ ދުނިޔެ ކޮވިޑުން ސަލާމަތް ވެގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އިއްޔެ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ކޮވިޑުގެ ހާލަތުން ދިމާވި ގެއްލުންތަކުން ރާއްޖެއަށް އަރައިގަނެވޭނީ ދުނިޔެ ކޮވިޑުން ސަލާމަތްވެގެން ކަމަށާއި އެއީ އެހެން ގައުމެއްގެ ސަބަބުން ރާއްޖޭގައި ކޮވިޑު އާއްމުވުމުގެ ފުރުސަތު އޮތުމަކީ އިގްތިސޯދަށް ފައިދާ ކުރަނިވި މަސައްކަތް ކުރުމަށް އެޅޭ ހުރަހެއް ކަމަށް ވުމުން ކަމަށެވެ.

އަމީރު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އެއްކޮށް ހުއްޓި، ފައިސާ ވަންނާނެ މަގުތައް ބަންދުވުމުން ދެން ޖެހުނީ ލޯނު ނަގަން ކަމަށާއި، ލޯނު ނުނެގި ނަމަ ގައުމުގެ އިގްތިސޯދު 13 އަހަރު ފަހަތަށް ގޮސް އެކަމުން އަރައި ނުގަނެވޭނެ ކަމަށެވެ. ނަމަވެސް ލޯނު ނަގައި ސިވިލް ސާވިސް އާއި ސަރުކާރުގެ ހިއްސާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުކޮށް މުސާރަ ދިނުމުން ރާއްޖޭގެ އިގްތިސޯދު މުޅިން ގޯސް ނުވެ ވަކިވަރެއްގައި ހިފަހައްޓައިލެވުނު ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވާހަކަ ދައްކަވާއިރު ކޮވިޑުގެ ސަބަބުން ރާއްޖެއަށް ދިމާވި އިގްތިސޯދީ ހާލަތަށް ރިއާޔަތް ނުކުރާ ކަމަށާއި، ގިނަ މެންބަރުން ދައްކަނީ ސިޔާސީ ވާހަކަތެކެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އަދި ވަނީ މަޖިލިސް ބައެއް މެންބަރުން އޭނާއަށް ކުރައްވާ ތުހުމަތުތަކާ ގުޅިގެން ވެސް ޖަވާބު ދެއްވައިފައެވެ. ބައެއް މެންބަރުން ވަނީ އަމީރަށް ބަޖެޓުގެ ބޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގާކަމުގެ ތުހުމަތު ތަފާތު އެކިފަހަރު މަތިން ކޮށްފައެވެ.

އެކަމާ ގުޅިގެން އަމީރު ވިދާޅުވީ، ޕީއެސްއައިޕީ ހިންގަނީ ބަޖެޓުގެ ތެރެއިން އެކަމަށް ގާނޫނުތަކުން ހުއްދަދީފައިވާ މިންވަރަށް ކަމަށާއި، ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ބަޖެޓުގެ ބޭރުން ހިންގާކަން ފާހަގަކުރެވިފަައި ނެތް ކަމަށެވެ. އަމީރު ވިދާޅުވީ، ބަޖެޓުގެ ބޭރުން ބައެއް ހާލަތްތަކުގައި މަޝްރޫއުތައް ހިންގާފައިވާނެ ކަމަށެވެ. އެ ހާލަތުވެސް އަމީރު ވަނީ ވިދާޅުވެދެއްވައިފައެވެ.

އަމީރު ވިދާޅުވީ ކޮންޓިންޖެންސީގެ ތެރެއިން އިމަޖެންސީ ހާލަތެއްގައި ރައީސް އޮފީހުގެ ހުއްދައާއެކު ޕީއެސްއައިޕީ ޕްރޮޖެކްޓެއް ހިންގަފާނެ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގައި ކޮވިޑާ ގުޅިގެން މެޑިކަލް ފެސިލިޓީއެއް ގާއިމުކުރާކަށް ނޯންނާނެ ކަމަށާއި، ނަމަވެސް މެޑިކަލް ފެސިލިޓީއެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.

ވިހާވެސް ބޮޑަކަށް އިސްކަން ދެނީ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރަން ކަމަށްވިޔަސް އިމަޖެންސީ ހާލަތުގައި ކޮވިޑް ފެސިލިޓީތައް ގާއިމު ކުރިގޮތަށް ބައެއް ކުދި މަޝްރޫއުތައް ހިންގިދާނެކަމަށް އަމީރު ގަބޫލުކުރައްވައެވެ. އެފަދައިން ކުދި މަޝްރޫއުތައް ހިންގަނީ ގާނޫނީ އިމުގެ ތެރެއިންކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.