ދިރިއުޅުމަށް ތަނެއް ކުއްޔަށްދޭ އިރު، ސެކިއުރިޓީ ޑިޕޮޒިޓް ނުވަތަ އެޑްވާންސްގެ ގޮތުގައި ދެ މަސްދުވަހުގެ ކުލީގެ ފައިސާއަށްވުރެ ބޮޑު އަދަދެއް ނުނެގޭނެ ކަމަށް "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" ގައި ހިމަނައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ގާނޫނު ތަސްދީގުކުރެއްވުމުން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަމަލުކުރަން ފަށައިފައެވެ. މިއީ މިފަދަ ގާނޫނެއް ހެދި ފުރަތަމަ ފަހަރެވެ.
އެ ގާނޫނަކީ ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށް ހިފުމާ ގުޅޭގޮތުން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައަޅާފައިވާ ގާނޫނެކެވެ.
އެ ގާނޫނުގެ ބައެއް މާއްދާތަކުގެ ތެރެއިން މާއްދާ 18، އެޑްވާންސް ނެގުމާ ގުޅޭ މާއްދާގައި ބުނަނީ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ދެ މަސް ދުވަހުގެ ކުލީގެ ފައިސާއަށްވުރެ ބޮޑުނޫން އަދަދެއްގެ ފައިސާ ކަނޑައެޅުމުގެ އިހުތިޔާރު ކުއްޔަށްދޭ ފަރާތަށް ލިބިގެންވާ ކަމަށެވެ. އަދި އެ ޑިޕޮޒިޓުގެ ފައިސާ ލިބުނުކަމުގެ ލިޔުމެއް ކުއްޔަށްދޭ ފަރާތުން ކުއްޔަށް ހިފާ ފަރާތަށް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މާއްދާގައި އިތުރަށް ބުނަނީ، އެއްވެސް ސަބަބަކާހުރެ، ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެވިއްޖެނަމަ، ގިނަވެގެން 15 ދުވަހުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ހަވާލުކޮށްފައިވާ ފައިސާ ކުއްޔަށްދޭ ފަރާތުން ކުއްޔަށް ހިފާ ފަރާތަށް އަނބުރާ ދޭންވާނެ ކަމަށެވެ.
ނަމަވެސް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ނަގާ ފައިސާ ކުއްޔަށް ހިފާ ފަރާތަށް އަނބުރާ ދޭއިރު އެ ފައިސާ ކެނޑޭނެ ބައެއް ކަންކަން ގާނޫނުގައި ހިމަނާފައިވެއެވެ.
- ކުއްޔަށް ހިފާ ތަން ދޫކޮށްލާ އިރު، އެތަނުގެ އެއްވެސް ހިދުމަތެއްގެ ބިލެއް ނުދައްކާ ހުރިނަމަ އެ ބިލެއް ދެއްކުމަށް
- ކުއްޔަށް ހިފާ ފަރާތުގެ އިހުމާލުން ތަނުގައި ހަރުކޮށްފައިވާ އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި އާކުރުމަށް ނުވަތަ މަރަމާތުކުރުމަށް
- ކުއްޔަށް ހިފާ ތަން ބޭނުންކުރުމުގައި ހަވާލުކޮށްފައިވާ އުފުލޭ މުދަލަކަށް އާންމުކޮށް ގިނަ ދުވަސްވެގެން ހަލާކުވާ ހަލާކުވުން ފިޔަވައި އިތުރު ގެއްލުމެއް ލިބި މަރާމާތުކުރަންޖެހޭނަމަ އެ މަރާމާތަކަށް
- ކުއްޔަށް ހިފާ ތަން ދޫކޮށްލާ އިރު، ކުއްޔަށް ހިފާ ފަރާތުން ކުލި ނުދައްކާ ހުރިނަމަ
އެ މާއްދާގައި އިތުރަށް ބުނީ، ސެކިއުރިޓީ ޑިޕޮޒިޓްގެ ފައިސާގެ ތެރެއިން ފައިސާ އުނިކުރަން ނުޖެހޭނަމަ ކުއްޔަށް ހިފާ ފަރާތުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓާފައިވާ އެންމެހައި ފައިސާ އެކީ އެއްފަހަރާ ކުއްޔަށް ހިފާ ފަރާތަށް ރައްދު ކުރަންޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު