ހެލްތު މިނިސްޓްރީގައި ކޮޕަރްޝަނަށް ހުޅުވިފައިވާ ދޮރުތައް މިހާރު ބަންދުކޮށްފައިވާ ކަމަށް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ނަސީމް ވިދާޅުވީ އޭނާ ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެ މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަންގެ އަޑުތައް ގަދަވެފައިވާ ކަމަށެވެ.

ނަސީމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލަ ފެންމަތިވެ، އެ މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑަށް އެނގިގެން ކޮރަޕްޝަނުގެ ކަންކަމަށް ހުޅުވިފައި ހުރި ދޮރުތައް އަޅުގަނޑު ހުންނާނީ މިހާރު ބަންދުކޮށްފައި. އިތުރަށް ކަމެއް ފެނިއްޖިއްޔާ އެކަންވެސް މިދަނީ ބަންދު ކުރަމުން އިނގޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ އެންމެ ބޮޑު ކަމެއްގެ ފުރަތަމަ ބެލެވުނީ ކުންފުނިތަކާއި ހެލްތު މިނިސްޓްރީއާ އޮންނަ ގުޅުންތަކަށް ކަމަށާއި އެކަން ބަލައި ދިރާސާ ކުރެވި، ފިޔަވަޅުތައް އެޅުނު ކަމަށެވެ.

ނަމަވެސް ކޮރަޕްޝަނަށް މަގުފަހިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތަނުގެ ހިންގުންތެރިކަން ދަށްވުން ކަމަށެވެ. ހިންގުން ދަށްވުމުގެ ސަބަބުން ކޮރަޕްޝަނަށް މަގު ހުޅުވޭ ކަމަށާއި އެހެންކަމުން ހިންގުން ރަނގަޅު ކުރަން ޖެހޭ ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

އެގޮތުން ހިންގުން ރަނގަޅުކުރުމަށް ޓަކައި ދިރާސާއެއް ހެއްދެވި ކަމަށާއި އެ ދިރާސާގެ އަލީގައި ހިންގުން ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޑު މަޑުން އަޅަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ މިހާރު އެންމެ ބޮޑު މަގުސަދަކީ މާލެ އާއި އަތޮޅު ތެރޭގައި ޓީމްވޯކް އިތުރުކުރުން ކަމަށެވެ. އެކަމުގެ ސަބަބުން މިނިސްޓްރީ ތެރެއިން އެއްކޮށް ކަރަޕްޝަން ނައްތައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.