ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި މުޅި ސަރުކާރުގެ ގުޅުން ވެސް ވަރުގަދަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފެހި ގާނޫނު އަސާސީއަށްފަހު ބޭއްވި އިންތިހާބުތަކުން ރައީސް ކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ނައިބު ރައީސުންނާ އޮތް ގުޅުން ކުޑަކަން ފާހަގަކޮށްލެވުނެވެ. އެ ދެ ސަރުކާރުގައި ނައިބު ރައީސުންނަށް ތިއްބެވި ބޭފުޅުންނަށް ތުހުމަތުތަކެއް ވެސް ކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމަށް ތިން އަހަރަށްފަހު އެމަނިކުފާނު އިސްތިއުފާދެއްވުމާއެކު ވެރިކަމަށް ވަޑައިގެންނެވީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީ ޑރ. ވަހީދު އިސްވެ ހުންނަވައި ކުރި ބަޣާވާތަކުން ކަމަށް އެމްޑީޕީން ތުހުމަތުތަކެއް ވެސް ކުރިއެވެ.

އެއަށްފަހު ރައީސް ޔާމީންގެ ވެރިކަމުގައި ތިން ނައިބު ރައީސުން ތިއްބެވިއެވެ. ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ރައްޔިތުންގެ މަޖިލީހުން ޑރ. ޖަމީލު މަގާމުން ދުރުކޮށް، ދެން ނައިބަކަށް ގެންނެވީ ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަހުމަދު އަދީބު އަބްދުލްޣަފޫރެވެ. ނަމަވެސް ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ ތުހުމަތުގައި އަދީބު ވެސް މަގާމުން ދުރުކުރިއެވެ. ރައީސް ޔާމީންގެ ތިންވަނަ ނައިބު ރައީސެއްގެ ގޮތުގައި އައްޔަންކުރެއްވީ އަބްދުﷲ ޖިހާދެވެ.

ނައިބު ރައީސުންގެ އެ މާޒީއާ ގުޅުވައި، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ފެށުނީއްސުރެ ރައީސް ސޯލިހުގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ފައިސަލް ވިދާޅުވީ ރައީސް ސޯލިހު އަބަދުވެސް ކަންކަމާ މަޝްވަރާކުރައްވާ ކަމަށެވެ.

"ވަރަށް ގުޅުން ރަނގަޅު. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުންމީދަކީ މުޅި ސަރުކާރު އެއްކޮށް ވެސް އޮތީ ވަރަށް ވަރުގަދަ ގުޅުމެއްގެ ގޮތުގައި. އެނގިވަޑައިގަންނަވާނެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ތަފާތު ބޭފުޅަކަށް އެބަވޭ. އާންމު ގޮތެއްގައި މިދިޔަ ދުވަސްތަކުގައި ދިވެހިރާއްޖެ ދެކެފައި މިވަނީ މުޅިން ވެސް ގުޅިގެން އަންނަ ސަރުކާރުތަކެއް، ކޯލިޝަން ސަރުކާރުތަކެއް. އެހެންނަމަވެސް ރައްޔިތުން ފާހަގަކުރަނީ ރައީސުލްޖުމްހޫރިއްޔާ މިއަދާ ހަމައަށް އައި އިރުވެސް ވީ ވައުދު ހިފަހައްޓަވައި، އެންމެންނާ އެއްކޮށް ގުޅިގެން، އަދި މުޅި ރައްޔިތުންގެ އަޑު އައްސަވައިގެން ސަރުކާރުގެ ހިންގުން ކުރިއަށްގެންދަވާ ބޭފުޅެއްގެ ގޮތުގައި،" ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް ސޯލިހު ވަރަށް ގިނަ ކަންތައްތައް ހަވާލުކުރައްވާ ކަމަށާއި ހާއްސަކޮށް އިޖުތިމާއީ ދާއިރާގެ ކަންތައްތަކާއި އަދި ސަރުކާރުގެ ގިނަގުނަ މަސައްކަތްތައް ހަވާލުކުރައްވާފައިވާ ކަމަށެވެ. އަދި އެހެން މީހެއްގެ ދަށުގައި ހުންނަވައިގެން މަސައްކަތްކުރައްވާ ފުރަތަމަ ފަހަރުކަމަށް ނުވާތީ، ވެރިއަކަށް ހުންނަވާ މީހަކާ ދޭތެރޭ ދެކެން ޖެހޭނެ ގޮތާއި މަސައްކަތްތައް ބަހައްޓަން ޖެހޭނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މި އަދާކުރާ މަގާމަކީ އަޅުގަނޑުގެ އަމިއްލަ ކަމެއް ނޫން އެއްގޮތަކަށް ވެސް. މިއީ ވެސް ރައްޔިތުންގެ ކަމެއް. އެތައް ލައްކަ ރައްޔިތުންނެއްގެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެހެންވީމާ ރައްޔިތުން ބޭނުންވާ ގޮތަށް އަޅުގަނޑު ކަންތައްތައް ކުރަން ޖެހޭނީ. އަޅުގަނޑު ބޭނުންހާ ގޮތަކަށް ކުރެވޭނީ އަޅުގަނޑުގެ އަމިއްލަ ކަންތައް. އަމިއްލަ ކަންތައް ވެސް މި ޒަމާނުގައި ބޭނުންހާ ގޮތަކަށް ނުކުރެވޭ. އެހެންވީމާ އެގޮތް ދަނެގެން އަޅުގަނޑު ފެށުނީއްސުރެ މި ހުންނަނީ،" ނައިބު ރައީސް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހިތަށް ވެސް ނުގެނެވޭ ފަދަ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހުނުކަމުގައިވިޔަސް، މި ސަރުކާރު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.